އެއްބަނޑު ދެބެއިންނާ ބެހިގެން ހައްޔަރުން ދޫކޮށްލި މީހާ، އަނެއްކާ ހައްޔަރު ކުރަން އަންގައިފި

އެއްބަނޑު ދެބެއިންނާ ބެހިގެން ހައްޔަރުން ދޫކޮށްލި މީހާ، އަނެއްކާ ހައްޔަރު ކުރަން އަންގައިފި

ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ، އެއްބަނޑު ދެބެއިންނާއެކު ޖިންސީ އަމަލެެއް ހިންގުމުގެ ކުށުގައި މުހައްމަދު ބިޝާރު އިސްމާއީލް ކިޔާ މީހަކު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލަށް ކުރިމިނަލް ކޯޓުން ކުރި އަމުރާއި، އެ އަމުރަށް ތާއީދުކޮށް ހައިކޯޓުން ކުރިއަމުރު ބާތިލްކޮށް އޭނާ ހައްޔަރު ކުރަން ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.

ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ، އެ ދެކުދީންނާ ޖިންސީ އަމަލު ހިންގި މައްސަލައިގައި، ބިޝާރުގެ މައްޗަށް ދެ ދައުވާއެއް ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެ ދެކުދީންނާމެދު އެކުދިން ދިރިއުޅުނު ވެށީގައި، ތަކުރާރުކޮށް އެކުދިންނާ ޖިންސީ އަމަލު ހިންގި ކަމުގެ ތުހުމަތުގައެވެ.

އެ މައްސަލައާއި ގުޅިގެން ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް 26 މެއި 2021 ގައި ކްރިމިނަލް ކޯޓުން ނިންމިއެވެ. އެފަހަރު އޭނާ ކުރި ބަންދު މުރާޖައާ ކުރަން ބިޝާރުގެ ފަރާތުން 7 ޑިސެމްބަރު 2023 ގައި ކުރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެއާއި ގުޅިގެން 12 ޑިސެމްބަރު 2023 ދުވަހު ބޭއްވި ބަންދު މުރާޖައާ އަޑު އެހުމުގައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްކޮށް ޝަރުތުކޮށް ދޫކޮށްލިއެވެ.

ކުރިމިނަލް ކޯޓުން ބުނީ އޭނާ ބަންދުން ދޫކޮށްލަން ނިންމީ މައްސަލައިގެ ހާލަތު ބަދަލު ވުމުން ކަމަށެވެ. މި ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ޕީކީގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޕީޖީން ބުނީ ބަދަލުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާގުޅޭ ހާލަތުކަމެއް ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުގެ ހާލަތު ކަމެއް ކުރިމިނަލް ކޯޓުގެ ނިންމުމުން ސާފުވާން ނެތް ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ހައިކޯޓުން ނިންމީ ކުރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަަމަށެވެ.

ހައިކޯޓުގެ އެ ނިންމުމާ ގުޅިގެން ޕީޖީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ އިސްތިއުނާފުގައި ޕީޖީ އޮފީހުގެ ޝަކުވާއަކީ މި މައްސަލައިގައި ބިޝާރުގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރަށް ހެކިހުރުމާއި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުން ލާޒިމުވާ ހާލަތުންކުރެ ދެ ހާލަތެއް ވުޖޫދުގައި ވަނިކޮށް އެކަންކަމަށް ރިއާޔަތްނުކޮށް، ބަނދު ކުރުމާއި ދޫކޮށްލުމާބެހޭ ގޮތުން ހަދާފައިވާ ޤާނޫނު ތަކާއި ޤަވާއިދުތަކާ ހިލާފަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއިދު ކޮށްފައި އޮތުމެވެ.

މި މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ، ކުރިމިނަލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކޮށް، މުހައްމަދު ބިޝާރު އިސްމާއީލަކީ އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގަމުންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް 7 ދުވަހުގެ ތެރޭގައި ކުރިމިނަލް ކޯޓުން މި މައްސަލަ ބައްލަވާ ފަނޑިޔާރު ކަނޑަ އަޅަންދެން، ރިމާންޑް ޖަލެއްގައި ބަންދު ކުރަން ކަނޑައަޅާ ކަމަށެވެ.

އަދި މިއަދުން ފެށިގެން ހަތް ދުވަހުގެ ރެރޭގައި އެކަމަށް ގޮތެއް ކަނޑަ އަޅަންދެން 48 ގަޑިއިރުގެ ތެރޭގައި ބިޝާރުގެ ބަންދު މުރާޖައާ ކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލަށް އަމުރުކުރާ ކަމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *