އަނބިމީހާގެ އުދާސްތައް ބޭރު ކޮށްލަން އަޑު އަހާނެ ކަންފަތެއް ގޭތެރެއިން ނުލިބޭ ޝަކުވާ ގިނަ: ގާޒީ

އަނބިމީހާގެ އުދާސްތައް ބޭރު ކޮށްލަން އަޑު އަހާނެ ކަންފަތެއް ގޭތެރެއިން ނުލިބޭ ޝަކުވާ ގިނަ: ގާޒީ

އަނބިމީހާގެ އުދާސްތައް ބޭރު ކޮށްލުމަށްޓަކައި އޭނާގެ ވާހަކަ އަޑު އަހާނެ ކަންފަތެއް ގޭތެރެއިން ނުލިބޭ ކަމުގެ ޝަކުވާ ވަރަށްގިނަ އަންހެނުން ކުރާ ކަމަށާއި، އެއީ ހައްގު ޝަކުވާއެއް ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ އިބްރާހިމް މާހިރު ވިދާޅުވެއްޖެއެވެ.

ގަޒީ މާހިރު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ އާއިލާ ތަކުގެ ދުވަހާއި ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ގާޒީ ވިދާޅުވެފައި ވަނީ، އަނބިމީހާ ވަރި ކުރުމަށް ހުށަހަޅާ މައްސަލަ ތަކުގައި، އެކުގައި ދިރިއުޅެން ބޭނުން ނުވާ މައިގަނޑު ސަބަބަކީ އަނބިމީހާ ކިޔަމަންތެރި ނުވާތީ ކަމަށް ވަރަށްގިނަ ފިރިހެނުން ފާހަގަ ކުރާ ކަމަށެވެ. ފިރިމީހާގެ ބަސް އަނބިމީހާގެ ކުރިމަތީގައި ނުވިކޭތީ އާއި ފިރިމީހާއަށް އިޙްތިރާމް ނުކުރާތީ ކަމަށް ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

އަނެއްކޮޅުން ވަރި ވާންއެދޭ އަންހެނުންގެ ވާހަކަ ތަަކަށް ބަލާއިރު ފިރިމީހާ އަނބިދަރިންނަށް އަޅާނުލުމަކީ މައިގަނޑު ސަބަބެއްގެ ގޮތުގައި އަންހެނުން ފާހަގަ ކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޓެހިންނާއެކު ކޮފީ ތަކުގައި އެތައް ވަގުތެއް ފިރިމީހާ ހޭދަކުރާއިރު އަނބިމީހާއަށް ވަގުތު ނުދޭކަމަށް އެމީހުން ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވި ގޮތުގައި ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަ ތަކަށް ބަލާއިރު، ޒަވާޖީ ހަޔާތަށް މިއަދުގެ ޒުވާން ޖީލުގެ ހޭލުންތެރިކަން ކުޑަކަން ފާހަގަ ކުރެވެއެވެ. އެހާލަތު ރަނގަޅު ކުރުމަށްޓަކައި ތައުލީމީ މަރުހަލާ ތަކުގައި ޒަވާޖީ ހަޔާތަށް ހޭލުންތެރިކަން އިތުރު ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ގިނަ ކައިވެނިތައް ރޫޅިގެންދާ ސަބަބު ތަކަށް ބަލާއިރު، ޖެހޭ މައްސަލަ ތަކުގެ ބޮޑުމިނަށްވުރެން ފާހަގަ ވަނީ ކުދި ކުދި މައްސަލަތައް ހައްލު ނުވެ، ގިނަދުވަސް ވެގެން ދިއުމާއި، ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭކަން، ކަންކަން ހިއްސާ ކުރަންޖެހޭ ގާތް މީހުންގެ މަޝްވަރާ ހޯދިފައި ނުހުންނަކަން،" ގާޒީ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *