ގުޅިފަޅު ހިއްކުން މަޑުޖައްސަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ގުޅިފަޅު ހިއްކުން މަޑުޖައްސަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ކ. ގުޅިފަޅު ހިއްކުމަށް ކުރިއަށް ގެންދާ މަސައްކަތް މަޑުޖައްސާލަން އަންގައި، ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލައަކީ ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ކަމަށްބުނެ، އެ މަޝްރޫއު ހުއްޓުވަން އާންމު ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކުރިޔަށްދިޔަ  މައްސަލައެކެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ތިމާވެށި ހިމާޔަތް ކުރުުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކްޓިވިސްޓެއް ކަމަށްވާ، ހ. ޝޭޑީ ކޯނާ ހުމެއިދާ އަބްދުލްޣަފޫރެވެ. އޭނާ މި މައްސަލަ ހުށަހަޅާފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މައްޗަށެވެ.

ގުޅިފަޅު ހިއްކުމުގެ މަޝްރޫއުއަކީ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ދީގެން ހިންގާ މަޝްރޫއެއް ކަމަށް ބުނެ، އެ މަޝްރޫއުގެ މަސައްކަތް ހުއްޓުވަން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، އެ މައްސަލަ ނިމެންދެން އެ މަޝްރޫއު ކުރިއަށް ގެންދިއުން ވަގުތީ ގޮތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ހުމެއިދާ ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އޭނާ އެދުނު ގޮތަށް ސިވިލް ކޯޓުން އަމުރެއް ނެރެދީފައި ނުވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އޭނާ ބުނެފައި ވަނީ، އެ މަޝްރޫއަކީ ލާމަރުކަޒީ ނިޒާމާ އިދިކޮޅު، ރާއްޖޭގެ އިތުރުން މުޅި ދުނިޔެ އިގުތިސޯދީ ހީނަރުކަމާ ކުރިމަތިލާފައިވާ ވަގުތެއްގައި މާލީގޮތުން ދެކޮޅު ނުޖެހޭ، ދަރަނި ބޮޑު އަދި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާ ޚިލާފު މަޝްރޫއެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން 300 މިލިއަން ޑޮލަރުގެ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ސަބަބުން އިޔާދަ ނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭގެ ތެރޭގައި ގުޅިފަޅުގެ ފަރުގައި 1995 އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ކަނޑުއަޑީގެ ދިރުން ތަކުގެ މުއްސަނދި މާހައުލީ ނިޒާމެއް ކަމަށްވާ "ހާންސްހާސް ޕްލޭސް" ނުވަތަ "ކިކި ރީފް" ފަނާވެގެން ދާނެކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މިއީ އެކަށީގެންވާ މިންވަރަށް ކަންކަން ބެލުމަށްފަހު، ކުރިއަށްގެންދާ މަޝްރޫއެއް ނޫން ކަމަށާއި ވަގުތާއި ހާލަތާއި ގެއްލުމާއި ފައިދާ އެކަށީގެންވާ މިންވަރަށް މިނެކިރުމެއް ނެތި ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން ފައިސާއިން އަގުނުކުރެވޭ ފަދަ ނިއުމަތްތައް ކަމަށްވާ ރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ދިރުން ތަކުގެ މުއްސަނދި ކަމާއި މާހައުލީ ނިޒާމު ތަކަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުން ތަކުގެ އަސަރު ޖީލުތަކަށް ދެމިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅިފަޅު ޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތަކީ އޭގެ ސަބަބުން މާލޭ ސަރަހައްދުގެ ކަނޑުފަޅުތަކާއި ދިރުންތަކުގެ ވެއްޓަށް އަނބުރާ އިއާދަ ނުރެވޭނެ ފަދަ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ މަޝްރޫއެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެން ކަމުން މި މައްސަލައަށް ސިވިލް ކޯޓުން ގޮތެއް ކަނޑައަޅަންދެން ގުޅިފަޅު ޕޯޓް ޑިވެލޮޕްމަަންޓް މަޝްރޫއުގެ ފޭސް ދޭއްގެ ބިން ހިއްކުމާ ގުޅޭ އެންމެހާ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލުމަށް ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމަށް ހުމެއިދާ ކޯޓަށް ހުށަހެޅިއެވެ.

އޭނާ ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާ ބެހޭގޮތުން ސިވިލް ކޯޓުން ބުނެފައި ވަނީ، އެ މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މަޝްރޫއެއް ކަމަށެވެ. އެ މަޝްރޫއުގެ މަގުސަދަކީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށްޓަކައި މާލޭ ޕޯޓުގައި މިވަގުތު ހުރި ހުރަސްތަކާއި ދަތިތަކަށް ހައްލެއް ހޯދައި، މުސްތަގުބަލުގައި ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ ވަރުގެ ޕޯޓެއް ގާއިމުކުރުން ކަމަށްވެފައި، މި މަޝްރޫއަކީ ބައިނަލްއަގުވާމީ އެކިއެކި އިދާރާތަކުން ލޯނު ނަގައިގެން، ބޮޑު ޚަރަދު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއު އަކަށް ވުމުންނާއި ގުޅިފަޅު ފޭސް އެކެއް ނިމި، ފޭސް ދޭއްގެ މަސައްކަތްވެސް ކުރިއަށްދާތާ ގިނަ ދުވަސް ތަކެއް ފަހުން މުޅި މަޝްރޫއު މަޑުޖައްސާލައިފި ނަމަ، ބަދަލުގެ ގޮތުގައި ބޮޑެތި އަދަދު ތަކަކުން ފައިސާ ދައްކަން ސަރުކާރަށް ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ވަގުތީ އަމުރެއް ނެރެދޭ ހާލަތުގައި، އެ އަމުރުގެ ސަބަބުން ދައުލަތަށް ލިބޭ އިއާދަ ނުކުރެވޭ ގެއްލުން މާބޮޑު ތަނުން ބޮޑުވާނެ ކަމަށް ޝަރީއަތުން ދެކޭ ކަމަށްވެސް ބުނެފައިވެއެވެ. އެހެން ކަމުން މި މައްސަލައިގައި ހުމޭދާ އެދުނު ވަގުތީ އަމުރު ނެރެންޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ކުރި ހުކުމްގައި ވަނީ، އެ މަސައްކަތުގައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އަމަލު ކުރުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެކަން އެނގޭއިރު، އެކަންކަން ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައިނުވާ ކަމަށެވެ. އަދި އެ ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ޕްރެކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިދާނެ ކަމަށާއި، ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުން ތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފިނަމަ ތިމާވެއްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާބޮޑު ކަމަށް ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެހެން ކަމުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑިޔާރުންގެ ތެރެއިން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގައިފައެވެ.

މި މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ނިޔާޒުގެއެވެ. އެ ފަނޑިޔާރުގެ ރައުޔުގައި ވަނީ އެއީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އޮތް މައްސަލަލެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ހައިކޯޓުން ނެރެފައިވާ އަމުރަކީ، ޤާނޫނީ އުސޫލުތަކާ ޚިލާފް އަމުރެއް ކަމަށްބުނެ، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓްރަކްޗާ އާއި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް އެންޑް އެންވަޔަރަންމަންޓް މި މައްސަަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ބެލުމަށްްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ގުޅިފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން އަމުރު ނެރެފައި ވަނީ ވަގުތީ އަމުރު ނެރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވާތީ ހައިކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލްކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *