އަލްހާނާއި އޭނާގެ ދެ ކޮއްކޮއަށް ކުރާ ދައުވާއަށް ވަކީލުން އައްޔަން ކުރަން 15 ދުވަސް ދީފި

އަލްހާނާއި އޭނާގެ ދެ ކޮއްކޮއަށް ކުރާ ދައުވާއަށް ވަކީލުން އައްޔަން ކުރަން 15 ދުވަސް ދީފި

ޕޮންޒީ ސްކީމު މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރިއަތް މިއަދު ފަށައިފިއެވެ.

އަލްހާންގެ އިތުރުން މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މި މައްސަލައިގައި އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރާ ކަމަށެވެ.

ޕީޖީން ބުނީ މި ދައުވާތައް ކޮށްފައި ވަނީ އެ ތިން މީހުންގެ އާއިލީ ކުންފުންޏެއް ކަމަށްވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން 2021 އަދި 2022 ވަނަ އަހަރު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކިންގްސް ފޮރެކްސް ޓްރޭޑިންގެ އިންވެސްޓްމަންޓްގެ އެކި ޕެކޭޖް ތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށްފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ކޮށްނުދީވާ ކަމަށެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންސް އިން އާންމު ކޮށްފައިވާ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓް ކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ އޭގެތެރެއިން 13 މީހުން ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.

މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި އެ ބައި ތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން، އެ ބައިތައް ދިރާސާ ކުރުމަށްފަހު، މި މައްސަލައިގައި އިތުރު ދައުވާތައް ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށްވެސް ޕީޖީން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން މީގެކުރިން ވަނީ ކޯޓު އަމުރެއް ދަށުން ކިންގްސް ކުންފުނީގެ އޮފީސް ބަލައި ފާސް ކޮށްފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ޕާސްޕޯޓާއި ފޯނުވެސް ހިފެހެއްޓިއެވެ. މީގެކުރިން ވަނީ ކިންގްސް ކުންފުނީގެ އެކައުންޓްތައްވެސް ބޭންކުން ފްރީޒްކޮށްފައެވެ. ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް އެ ތިން ބެއިންވެސް ހާޒިރުވީ ވަކީލަކާ ނުލައެވެ. އަދި ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށް ކޯޓުގައި އެދުނެވެ. އަލްހާން އަދި ސަހުބާން އެދުނީ އެކަމަށް އެއް މަސް ދުވަހުގެ ފުރުސަތެއް ދިނުމަށެވެ. ޝަޒުބާން އެދުނީ ދެ މަސް ދުވަހުގެ ފުރުސަތަކަށެވެ.

މިއަދުގެ އަޑުއެހުމުގައި މާލީ ހާލަތު ދަށް ކަމުގެ ވާހަކަ އެ ތިން ބެއިންވެސް ފާހަގަ ކުރިއެވެ. އެކަމާ ގުޅިގެން ދައުލަތުގެ ފަރާތުން ހިލޭ ވަކީލަކު ހަމަޖެއްސުމުގެ ހައްގު ބޭނުން ކުރުމުގެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ދެއްވިއެވެ.

ނަމަވެސް އެ ތިން ބެއިން ވެސް ވިދާޅުވީ އެ ހާލަތަށް އަދި ނުދާ ކަމަށެވެ. އެހެން ކަމުން އަމިއްލައަށް ވަކީލުން އައްޔަން ކުރަން ބޭނުން ކަމަށް ބުންޏެވެ. އެކަމާގުޅިގެން ގާޒީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ބުނާ ގޮތުން ވަކީލަކު ހަމަޖައްސަން 1 މަަސް ދުވަހުގެ ފުރުސަތު ދެވެން ނެތް ކަމަށާއި ޤާނޫނުން ޖާގަ ދެނީ އެންމެ ގިނަވެގެން ވެސް 15 ދުވަހުގެ ފުރުސަތެއް ދިނުމަށް ކަމަށެވެ. އެހެން ކަމުން ވަކީލުން ހަމަޖައްސަން ތިން ބެއިންނަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *