ރަޝިޔާގެ ރައީސް ޕުޓިން

ހުޅަނގަކީ "ކިބުރުވެރި" ބަޔެއް، އެމީހުން އުޅެނީ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ދުނިޔެ ވައްޓާލަން: ޕުޓިން

ހުޅަނގަކީ "ކިބުރުވެރި" ބަޔެއް، އެމީހުން އުޅެނީ ހަނގުރާމައެއްގެ ތުންފަތް މައްޗަށް ދުނިޔެ ވައްޓާލަން: ޕުޓިން

ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނުގެ ނާޒީންގެ މައްޗަށް ސޯވިއެޓް ޔޫނިއަނުން (USSR) ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވީ، "ކިބުރުވެރި" ހުޅަނގުގުން އެހެން ޤައުމު ތަކަށް ހަނގާ ކުރުމުގެ ސަބަބުން ދުނިޔޭގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށް ނުރައްކާ ކުރިމަތި ވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހު ވެރިރަށް މޮސްކޯގެ ރެޑް ސްކުއަރގައި އެވެފައިތިބި އެތައް ހާސް ސިފައިންގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ ހުޅަނގުން އުޅެނީ ދުނިޔޭގެ ސުލްޙަ ނަގާލައި، ހަނގުރާމައިގެ ތުންފަތް މައްޗަށް ދުނިޔެ ވައްޓާލަން ކަމަށެވެ. އަދި ވިދާޅުވީ ހުޅަނގުގެ ޤައުމު ތަކުން ވަނީ ނާޒީން ވިއްސިވިހާލި ކުރުމުގައި ސޯވިއެޓް ޔޫނިއަނުން އަދާކޮށްފައިވާ ދައުރު ހަނދާން ނައްތާލާފައި ކަމަށެވެ. މިހާރު ހުޅަނގުން މުގުލުގައި ތިބެ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަމަނުޖެހުންތައް އުފައްދަމުންދާ ކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

މިއަހަރު ގައުމަށް ދެއްވި ތަގުރީރު ދެއްވީ ޔޫކްރޭނުގައި އޭނާގެ ސިފައިން ކުރިއެރުން ތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ. މީގެ ދެ ދުވަސް ކުރިން، 5 ވަނަ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތުގައި އޭނާ ވަނީ ރަޝިޔާގެ ރައްޔިތުންނަށް "ކާމިޔާބު" ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އުމުރުން 71 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ޕޫޓިން ވަނީ ނިއުކްލިއާ ހަތިޔާރުގެ ބޭނުން ކުރަން ޖެހިދާނެ ކަމަށް ބުނެ ހުޅަނގަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ. މި ހަފްތާގެ ކުރީކޮޅު އޭނާ ވަނީ ޔޫކްރޭން ބޯޑަރު ކައިރީގައި ހަރަކާތްތެރި ވަމުންދާ ކަނޑުގެ ސިފައިންނާއި އެއްގަމުން ހަރަކާތްތެރިވާ ސިފައިން ބައިވެރިކޮށްގެން ނިއުކްލިއާ ހަތިޔާރުގެ ޑްރިލްތައް ބޭއްވުމަށް ރަޝިޔާގެ އަސްކަރިއްޔާއަށް އަމުރު ކުރައްވާފައެވެ.

މިދިޔަ އަހަރު ރަޝިޔާއިން ވަނީ ކޮމްޕްރިހެންސިވް ނިއުކްލިއާ ޓެސްޓް މަނާ ކުރުމުގެ މުއާހަދާ (ސީޓީބީޓީ) ތަސްދީގު ކުރުން ބާތިލްކޮށް، އެމެރިކާއާއެކު ހަދާފައިވާ ނިއުކްލިއާ ހަތިޔާރު މަދުކުރުމުގެ މުހިންމު އެއްބަސްވުމަކުން ވަކިވެފައެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައަކީ ހުޅަނގާއެކު ކުރިއަށްދާ ހަނގުރާމައެއްގެ ބައެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވިއެވެ. 1989 ވަނަ އަހަރު ބާލިން ފާރު ވެއްޓުމަށް ފަހު ރަޝިޔާ ނިކަމެތިކޮށްލި އެއްކަމަކީ މިހާރު ހިނގަމުންދާ ހަނގުރާމަ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ޔޫކްރޭނާއި ހުޅަނގުގެ އެކުވެރި ގައުމު ތަކުން ވަނީ މިހާރު ކްރައިމިއާ ހިމެނޭ ގޮތަށް ގާތްގަނޑަކަށް ޔޫކްރޭންގެ ބިމުގެ 20 އިންސައްތަ އަދި ޔޫކްރޭންގެ އިރުމަތީ ހަތަރު ސަރަހައްދުގެ ކޮންޓްރޯލް ކުރާ ރަޝިޔާ ބަލިކުރުމަށް ވައުދުވެފައެވެ. އެގޮތުން ނޭޓޯއިން ވަނީ ރަޝިޔާގެ ބޯޑަރާ ގާތުގައި ދުރުރާސްތާ މިސައިލް ތަކާއި ބަރު ހަތިޔާރު ރުކުޅުވާލަފައެވެ. އަދި ދޭތެރެ ދޭތެރެއިން ގުޅިފައިވާ ގައުމު ތަކުގެ އަސްކަރީ ތަމްރީނުތައް އެސަރަހައްދުގައި ބާއްވަމުން ދެއެވެ.

ރަޝިޔާގެ އޮފިޝަލުންނާ ހަވާލީދީ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކްރޭން ހަނގުރާމަ މިއަދާ ހަމައަށް އަންނަނީ އެންމެ ނުރައްކާތެރި މަރުހަލާއަށެވެ. ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ބާރުތައް ބައިވެރިވާ މިއަށްވުރެ ފުޅާ ހަނގުރާމައެއް ހިނގައިދާނެ ކަމުގެ އިންޒާރު ޕޫޓިން ވަނީ ތަކުރާރުކޮށް ދެއްވާފައެވެ. އަދި އެފަދަ ހާލަތެއް އަތުވެއްޖެނަމަ ނިއުކްލިއާ ހަތިޔަރު ބޭނުން ކުރަން ޖެހިދާނެ ކަމަށް ބުނެ ތަކުރާރުކޮށް އިންޒާރު ދެއްވިއެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލުން ވިދާޅުވަނީ ހުޅަނގުން ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ، ރަޝިޔާގެ ހިމާޔަތުގައި ޗައިނާއިން ނުކުންނާނެ ކަމަށެވެ. ނޭޓޯއިން ބުނާ ގޮތުގައި އެމީހުން ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ވާންނާކަށް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް ނޭޓޯގެ ގައުމަކަށް ރަޝިޔާއިން ހަމަލާދީފިނަމަ، ރައްދުގައި ސިއްސައިގެން ދާވަރުގެ ވަރުގަދަ ހަމަލާ ތަކެއް ޕޫޓިންގެ ބައިވެރިންނާއި ދެކޮޅަށް ދޭނެކަމަށް ނޭޓޯގެ ސެކެކްޓްރީ ޖެނެރަލް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *