މާލޭގައި ގްރޫޕަކުން ހަމަލާދީ ޒުވާނަކު މަރައިލި މައްސަލާގައި ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދޫވި، އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ އަލުން ހައްޔަރު ކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ސެޕްޓެމްބަރު، 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލާގައި ސައްމާހުގެ މައްޗަށް ކުރި ދައުވާގެ މައްސަލަ އެކެވެ.
މި މައްސަލއިގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ކުރި ހުކުމްގައި ވަނީ މޫސައަށް ހަމަލާދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެއް ކަމަށެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައި ވާކަމަށް ހުކުމްގައި ވެއެވެ.އެހެން ކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
ދައުލަތުން ހުށަހެޅި ވީޑިޔޯ ފުޓޭޖް ތަކުން، ސައްމާހު އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް، އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމްގައިވެއެވެ. އެ ސަރަހައްދުގައި އެވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ، އެ ވީޑިޔޯއިން ފެންނަނީ އޭނާ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމުގައިވެއެވެ. މީގެއިތުރުން އެ މައްސަލާގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުންވެސް އެ ހާދިސާއާ ސަައްމާހުއާއި ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެން ކަމުން، މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތު ނުވާކަމަށެވެ.
އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުލުމާ ގުޅިގެން އޭނާ މިނިވަންވެ ދޫވިއެވެ.
އެ މައްސަލައިގައިި ކުރިމިނަލް ކޯޓުން ކުރި ހުކުމާމެދު ހިތްހަމަ ނުޖެހިގެން، އެއީ ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކޭކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
އެ މައްސަލައިގެ އިސްތިއުނާފާއެކު ސައްމާހު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި، ސައްމާހުއަކީ ބަންދުގައި ހުނަންޖެހޭ މީހެއް ކަމަށްބުނެ، އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން ސައްމާހު ބަންދު ކޮށްދިމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީގެ ފަރާތުން ކޯޓުގައި އެދުނެވެ.
ނަމަވެސް ބަންދު ކުރުގެ އަމުރުގެ މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެެ. ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނީ އުސޫލުތަކާއި ޚިލާފް ނިންމުމެއް ކަމަށްބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ އަމުރުގެ މައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ޝަރީއަތް ނިމެންދެން ސައްމާހު ބަންދު ކުރަންޖެހޭ ހާލަތެއް ނެތްކަމަށް ކައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާން ވެެގެންވާ ކަންކަމަށް ރިއާޔަތް ކޮށްގެން ކަމުގައި ނުވާތީ، ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އއްތިފާގުން އެ ނިންމުން ބާތިލް ކަމަަށް ނިންމާ ކަމަށެވެ.
އަދި މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސައްމާހުއަކީ، އޭނާގެ މައްޗަށް ހައިކޯޓުގައި ހިންގަމުން ގެންދާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަން ނުވަތަ ނޫންކަން، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުން ކަނޑަ އަޅަންދެން، ސައްމާހު ރިމާންޑް ޖަލެއްގައި ބަންދު ކުރަން އަމުރު ކުރާ ކަމަށްވެސް ހުކުމް ގައިވެއެވެ.