ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން، ވާދަވެރި އިނދިކޮޅު ކެނޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ކުޑަ ފަރަގަކުން ކާމިޔާބު ހޯދާނެ ކަމަށް ޕޯލް ތަކުން ދައްކައިފިއެވެ.
ރޮއިޓާސް އިން ދާދި ފަހުން ނިންމާލި ޕޯލެއްގައި ގިނަ މީހުން ބުނެފައި ވަނީ އިންތިޚާބުގައި ވޯޓުލާނީ ބައިޑަން އަށް ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕޯލްގައި ރަޖިސްޓްރީ ކުރި ވޯޓުލާ މީހުންގެ ތެރެއިން %40 މީހުން ބުނީ މިއަދު އިންތިޚާބު ބާއްވައިފިނަމަ، ޑިމޮކްރެޓް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބައިޑަން އަށް ވޯޓު ދޭނެ ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕް ހޮވަން ވޯޓު ދީފައި ވަނީ ޕޯލްގައި ބައިވެރިވި %39 މީހުންނެވެ.
މި ޕޯލްގައި 1 ޕޮއިންޓުގެ ފަރަގުން ބައިޑަން ކުރީގައި އުޅުނަސް، މީގެކުރިން ނެގުނު ޕޯލް ތަކުގައި އޭނާ 4 ޕޮއިންޓުގެ ކުރިއެރުމެއް ހޯފާފައި ވެއެވެ. އެހެން ކަމުން މިއީ ވެއްޓުމެއް ކަމަށް ބެލެވިދާނެއެވެ. ތާއީދު ދަށްވަމުން އަންނަ ކަމުގެ ހެއްކެއް ކަމުގައިވެސް ބުނެވިދާނެއެވެ.
ޕޯލްގައި ބައިވެރިވި މީހުންގެ %13 މީހުން ބުނާ ގޮތުން ވޯޓުލާނެ މީހަކު އަދި ނުނިންމައެވެ. އެމީހުން ބޭނުން ވާވަރުގެ ރަނގަޅު ކެނޑިޑޭޓަކު ނެތްކަމަށްވެސް އެމީހުން ބުނެއެވެ.
ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ މި ޕޯލުން ދައްކާ ގޮތުގައި %8 މީހުން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލާ އެންޓި ވެކްސިން އެކްޓިވިސްޓެއް ކަމަށްވާ ރޮބަޓް ކެނެޑީ ޖޫނިއާއަށް ވޯޓުދޭނެއެވެ. އޭނާއަކީ ކުރިން ޑިމޮކްރެޓްސްގައި ސިޔާސީ މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. އޭނާއަކީ އަވަހާރަ ކޮށްލެވިފައިވާ ކުރީގެ ރައީސް ކެނެޑީގެ އާއިލީ ބޭފުޅެކެވެ. މިނިވަން ކެންޑިޑޭޓަކަށް ނިސްބަތުން މާގިނަ ބަޔަކު މިވީހާތަނަށް އެމެރިކާގެ ރިޔާސީ އިންތިޚާބެއްގައި ވޯޓް ދީފައެއް ނުވެއެވެ.
ރޮއިޓާސް އިން އޮންލައިންކޮށް ނެގި ޕޯލްގައި ސާވޭ ކުރި 856 ރަޖިސްޓްރީ ވޯޓަރުންގެ ޖަވާބުވެސް ހިމަނާފައިވެއެވެ. މި ޕޯލްގައި ބައިޑަން އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ދެއްކި ނަމަވެސް، ބައެއް އެހެން ޕޯލް ތަކުގައި ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެވެ. އެގޮތުން ފޮކްސް އާއި ސީއެންއެން އިން ނެގި ޕޯލްގައި ދެތިން ޕޮއިންޓުގެ ތަފާތުން ކުރީގައި އުޅެނީ ޓްރަންޕެވެ.