އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައަޅަން ހުށަހެޅި ބިލު ޑިކޮމްރެޓުން އަނބުރާ ގެންގޮސްފި

އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައަޅަން ހުށަހެޅި ބިލު ޑިކޮމްރެޓުން އަނބުރާ ގެންގޮސްފި

ސިޔާސީ ޕާޓީ ތަކުން އިންތިޚާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާ އަކުން 1 ދާއިރާ އަންހެން ކެންޑިޑޭޓަކަށް ޚާއްސަކޮށް، މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާ ގޮތް ބަދަލު ކުރަން، ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ދަ ޑިމޮކްރެޓްސް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންގޮސްފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސް ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިއުން އިއްވައިފައެވެ. މި ބިލުގެ ފުރަތަމަ ކިއުން އިއްވީ 19 މާޗް ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 15 ވަނަ ޖަަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ބިލް އިއްޔެ އާޒިމް އަނބުރާ ގެންދަވާފައިވާ ކަމަށެެވެ.

އަލީ އާޒިމްގެ ބިލުގައި ވަނީ ޤާނޫނު އަސާސީގައި ރައްޔިތުގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވާ 71 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް (ނ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށާއި މެންބަރުން އިންތިޚާބު ކުރުމާބެހޭ 72 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް (ރ) އަދި (ބ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ.

ބިލުގައި މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާގޮތް ބަދަލުކުރަން ހުށަހަޅާފައިވާ ގޮތް:

1- އިދާރީ ދާއިރާ ތަކުގެ ތެރެއިން ޖުމްލަ އާބާދީ 6،000 މީހުންނާއި 12،000 މީހުންނަށް 1 މެންބަރު.

2- އިދާރީ ދާއިރާ ތަކުގެ ތެރެއިން ޖުމްލަ އާބާދީ 12،000 މީހުންނާއި 18،000 މީހުންނަށް 2 މެންބަރުން.

3- އިދާރީ ދާއިރާ ތަކުގެ ތެރެއިން ޖުމްލަ އާބާދީ 18،000 މީހުންނާއި 24،000 މީހުންނަށް 3 މެންބަރުން.

4- އިދާރީ ދާއިރާ ތަކުގެ ތެރެއިން ޖުމްލަ އާބާދީ 24،000 މީހުންނާއި 36،000 މީހުންނަށް 4 މެންބަރުން.

5- އިދާރީ ދާއިރާ ތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށް ވުރެ ގިނަ ނަމަ 5 މެންބަރުން.

މި ބަދަލު ގެންނަން ހުށަހަޅާފައި ވަނީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމަށް ފަހު، މިހާރު އިންތިޚާބު ކޮށްފައި އޮތް، 21 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ފެށިގެން ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ޤާނޫނު އަސާސީގެ 71 ވަނަ މާއްދާގައި މަޖިލިސް މެންބަރުންގެ އަދަދު ކަނޑައަޅާފައި މިހާރު އޮންނަނީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާ އަކަށް ދެ މެންބަރުންނެވެ. އާބާދީ 5،000 އަށްވުރެ އިތުރުވާ އިދާރީ ދާއިރާއެއް ނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ.

ޤާނޫނު އަސާސީގެ 72 ވަނަ މާއްދާއަށް ގެންނަން މި ބިލުގައި ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ސިޔާސީ ޕާޓީ ތަކުން އިންތިބީ ދާއިރާ އަކަށް ވާދަކުރާ ކޮންމެ 10 ދާއިރާ އަކުން 1 ދާއިރާ އަންހެން ކެންޑިޑޭޓަކަށް ޚާއްސަ ކުރަންވާނެ ކަމަށެވެ. އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާއިބެހޭ ޤާނޫނުގައި އެކަން ތަފްސީލުކޮށް ބަޔާން ކުރަންވާނެ ކަމަށްވެސް ޑިމޮކްރެޓްސް ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ މި ބިލުގައި ހިމަނާފައި އޮތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *