ކުރީގެ ލިސްޓަށް ބަދަލު ނުގެނެސް ފްލެޓް ލިބިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރަން ފާސް ކޮށްފި

ކުރީގެ ލިސްޓަށް ބަދަލު ނުގެނެސް ފްލެޓް ލިބިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރަން ފާސް ކޮށްފި

ކުރީގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓް ލިބުނު ކަމަށް އާއްމު ކޮށްފައިވާ ލިސްޓަށް ބަދަލު ނުގެނެސް، އެ ލިސްޓްގައިވާ ފަރާތް ތަކަށް ފްލެޓް ހަވާލު ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދޫކުރަން ނިންމި އެފްލެޓްތައް ދޫކުރުމުގެ ކުރިން ވެރިކަން ބަދަލުވުމުން، މި ސަރުކާރުން ވަނީ އެ ލިސްޓަށް ފްލެޓްތައް ދޫނުކޮށް ހިފައްޓައިފައެވެ. އެއީ ފްލެޓް ލިސްޓުގައި މައްސަލަ ތަކެއް އުޅޭކަމަށް ބުނެއެވެ.

އެ މައްސަލަ އޭސީސީ އިން ބެލުމަށް ފަހު އެކަމުގައި ހުރި މައްސަލަތައް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ. ނަަމަވެސް ފްލެޓް ދޫކުުރުމުގެ ބަދަލުގައި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްއާ ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށް "ހައުސިންގ ކޮމިޓީ"ގެ ނަމުގައި ސަރުކާރުން ކޮމިޓީއެއް އުފެއްދިއެވެ. މިހާރު އެ މައްސަލަ އޮތީ އެ ކޮމިޓީގައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އާއްމު ފަރާތް ތަަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފްލެޓްތައް ހަވާލު ކުރުން ލަސްވާ ކަމަށް ފާހަގަ ކުރައްވައި އެ މައްސަލަ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހުށަހަހެޅީ އާއްމު ފަރާތް ތަކަކުންނެވެ.

އެކަމާ ގުޅިގެން މައްސަލަ ދިރާސާ ކުރުމަށްޓަކައި، ކުރީ ސަރުކާރުން އެ ޕްރޮޖެކްޓާ ހަވާލުވެ ހުންނެވި އޭރުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އަކްރަމް ކަމާލުއްދީނާއި ސީނިއާރ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު އާރިފްގެ އިތުރުން މިހާރުގެ މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓްގެ އިސް ބޭފުޅުންނާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރިއެވެ.

އެ ދިރާސާއަށް ފަހު ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ވަނީ، ލިސްޓަށް އުނި އިތުރެއް ނުގެނެސް ފްލެޓަށް ހޮވިފައިވާ ފަރާތް ތަކަށް ވީ އެންމެ އަވަހަަކަށް ފްލެޓް ދޫކުރުމަށް ސަރުކާރަށް ވަނީ ހުށަހަޅައިފައެވެ. އަދި އެއީ ވަަރަށްގިނަ ބައެއްގެ ހައްގުތަކާއި ގުޅިފައިވާ ކަމަކަށް ވީތީ ފްލެޓް ލިބޭނެ ފަރާތް ތަކުގެ ނަންތައް އާއްމު ކޮށްފައިވާތީ، ގިނަ ދުވަސް ތަކެއް ފާއިތުވެފައި ވާތީ، އެ ފްލެޓް ތަކުގެ ހައްގުވެރިންނާ ލަސްނުކޮށް ހަވާލު ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ކޮމިޓީ ހުށަހެޅި ގޮތަށް ކަންތައް ސަރުކާރުން ކުރިއަށް ގެންދަންޖެހޭނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ އެވަގުތު ޖަލްސާގައި ތިއްބެވި 36 މެމްބަރުންގެ ތެރެއިން 29 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *