މީހަކަށް ކުރެވޭ ކުށެއްގެ ނާޖައިޒު ފައިދާ ނަގައިގެން ވީޑިޔޯކޮށް، ފަޟީހަތް ކުރުމަކީ އެއްވެސް ގޮތަކަށް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ކުރީގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ ކާރުގައި، އަމިއްލަ މީހެއްގެ ޕިކަޕަކުން ޖެހުމުން، އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު ވަދެވަޑައިގެން ވީޑިޔޯކޮށް، އިމްރާން ފަޟީހަތް ކުރުމަށް މަސައްކަތް ކޮށްފައި ވަނިކޮށެވެ.
އެކަމާގުޅިގެން އިންތިޚާބީ މެންބަރު އިމްރާނަށް ސޯޝަލް މީޑިޔާގައި ވަނީ ބޮޑެތި ފާޑުކިއުން ތަކެއް އަމާޒު ވެފައެވެ. ސީދާ ކޮން ކަމަކަށް ބަޔާން ނުކުރައްވައި، އެކަމަކު ކާރު އެކްސިޑެންޓްގެ މައްސަލައާ ގުޅޭފަދަ ގޮތަކަށް، ރައީސް މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިޔޯކޮށް، އާއްމުންގެ ތެރޭގައި ފަޟީހަތް ކުރުމަކީ އަޚުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބަލާއިރު އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.
ކުށެއް ކޮށްފި ނަމަ، އެ މީހަކާ މެދު އަމަލު ކުރާނެ ގޮތް ޤާނޫނުގައި ބަޔާން ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ގާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް، ޤާނޫނުގެ ވެރިކަން އަމިއްލަ އަތް މައްޗަށް ނެގުމަކީ މުޖުތަމައުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫހު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށް ނޫނީ ނުވޭ،" ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމައެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވަމާތޯ." ރައީސް އިތުރަށް ވިދާޅުވިއެވެ.