ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކޮށް، ޝަރީއަތްތައް އަވަހަށް ނިންމައިދޭން އަސްލަމް އެދިވަޑައިގެންފި

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު އަވަސްކޮށް، ޝަރީއަތްތައް އަވަހަށް ނިންމައިދޭން އަސްލަމް އެދިވަޑައިގެންފި

2022 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސލައިގެ ތަހުގީގުތައް އަވަސްކޮށް، އެ މައްސަލައާއި ބެހޭ ޝަރީއަތްތައް އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

އަސްލަމް މިކަމަށް އެދިވަޑައިގެންނެވީ، ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދަށް ދިން ހަމަލާއަށް މިއަދަށް 3 އަހަރު ފުރިފައިވާކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅޭގޮތުން، އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ފަހު، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓްގައި ހިމެނޭ ރެކޮމެންޑޭޝަން ތަކަށް ފުރިހަމައަށް އަމަލު ކުރުމަށް ވެސް އަސްލަމް ވަނީ ސަރުކާރަށް ގޮވައިލައްވައިފައެވެ.

ރައީސް ނަޝީދު ވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލައި، އެ ކަމާބެހޭ ރިޕޯޓު އެކުލަވައިލީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިންނެވެ. އެ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ.

އޭގެތެރޭގައި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާއި ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ 6 ރެކޮމެންޑޭޝަން ހިމެނެއެވެ.

މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައި ވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލު ތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވެއެވެ. އަދި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

ރައްޔިރުންގެ މަޖިލީހުގެ މިއަަދުގެ ޖަލްސާ ފައްޓަވަމުން، މެއި 6 ގެ ހަމަލާއަށް މިއަދަށް ތިން އަހަރު ފުރިފައިވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، އެ ހަމަލާއާ ބެހޭގޮތުން މަޖިލީހުން ތައްޔާރުކޮށް އާއްމު ކޮށްފައިވާ އިންކުއަރީ ރިޕޯޓްގައި ހިމަނާފައިވާ ރެކޮމެންޑޭޝަންތަކަށް ވީހާވެސް އަވަހަކަށް ވީހާވެސް އަވަހަށް ފުރިހަމައަށް އަމަލު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެން 6 މެއި 2021 ވަނަ އަހަރުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒާ ފުއްތަކެއް އަރައި، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވައިފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މެއި 6 ގެ ބޮމުގެ ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށްސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މީގެއިތުރުން ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެއެވެ. އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދަނީ ދައުވާ ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *