ފުވައްމުލަކު ސިޓީގައި ސަރުކާރުން ގާއިމް ކުރުމަށް ނިންމާފައިވާ ފުޓްބޯޅަ ސްޓޭޑިއަމް އާއި، ނ. ކެނދިކުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޔޫތު ކޭމްޕާބެހޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުالله ރާފިޢު ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
މާދަމާގެ ޖަލްސާގައި މިނިސްޓަރާ ފުރަތަމަ ސުވާލު ކުރައްވާނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އިސާއެވެ. އޭނާ ސުވާލު ކުރަން ހަމަޖެހިފައި ވަނީ، ނ. ކެނދިކުޅުދޫގައި ގާއިމް ކުރަން ހިމަނާފައިވާ ޔޫތު ކޭމްޕަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ މާލިއްޔަތު ޤާނޫނުގައި ބުނާ އުސޫލުގެ ތެެރެއިން ކެނދިކުޅުދޫ ކައުންސިލާ ހަވާލު ކޮށްގެން އެކަންތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުންްނެވެ. އަދި އެގޮތަށް އެކަން ކުރިއަށް ގެންދާނަމަ އެ ފައިސާ ކިހާ ހިސާބަކު ކައުންސިލާ ހަވާލު ކުރެވިދާނެތޯވެސް ސުވާލު ކުރަން ވަނީ ހަމަޖެހިފައެވެ.
ފުވައްމުލައް ސިޓީއާބެހޭ ފުރަތަމަ ސުވާލެއްގެ ގޮތުން އެ ސިޓީގެ މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ މިނިސްޓަރާ ސުވާލު ކުރަން ހަމަޖެހިފައި ވަނީ، އެ ސިޓީގައި ގާއިމް ކުރަން ހަަމަޖެހިފައިވާ ސްޓޭޑިއަމްގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށެވެ. އެގޮތުން އެ ސްޓޭޑިއަމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ބެހޭގޮތުންވެސް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ފުވައްމުލަކު މާދަނޑު އަވަށު ފުޓްސެލް ދަނޑު ގާއިމް ކުރުމާއި، މާލެގަން އަވަށުގެ ފުޓްސަލް ދަނޑުގެ ތަރައްގީ ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު އޮޅުން ފިލުވުމަށާއި، އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚު އޮޅުން ފިލުވަމަށް ސުވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަދި މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ، ފުވައްމުލަކު މިސްކިތް މަގު ނެޓްބޯޅާ ކޯޓު ގާއިމް ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، އެ ކޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި ބެހޭގޮތުން ސުވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.