އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަން ދެ ދައުރު އަދާކޮށްފައިވާ ނަމަ، އިނާޔަތާއެކު ރިޓަޔާވެވޭ ގޮތަށް އީސީގެ ޤަވައިދަށް ގެނައި އިސްލާހު މިއަދު އުވާލައިފިއެވެ.
އެ ޤަވާއިދަށް ގެނައި ނުވަވަނަ އިސްލާހުގެ ގޮތުގައި އެ އިސްލާހު ގަޥާއިދަށް ގެނަސްފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 28 ގައެވެ.
އެ އިސްލާހުގައި ބުނެފައި ވަނީ އީސީގައި ވަޒިފާ އަދާކޮށްފައިވާ ނުވަތަ ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު ކޮމިޝަންގެ މެންބަރު ކަމަށް އަައްޔަން ކޮށްފިނަމަ، އަދި މެންބަރެއްގެ ދައުރު ހަމަވިއިރު 10 އަހަރު ދުވަސް ކޮމިޝަނަށްިޚީދުމަތް ކޮށްފައިވާނަމަ ރިޓަޔާމަންޓް އިނާޔަތް އެމީހަކަށް ލިބިދޭންވާނެ ކަމަށެވެ.
އެގޮތަށް ރިޓަޔާކުރާއިރު އެއްފަހަރާ ގަނޑުކޮށް ދޭ ފައިސާގެ އިނާޔަތުގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ޚިދުމަތް ކުރި އަހަރު ގުނަ ކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަކަށް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަހުން މަހަށް އެމީހެއްގެ މުޅި އުމުރަށް ދޭ އިނާޔަތެއްގެ ގޮތުގައި އެމީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ އީސީގެ މުވައްޒިފެއްގެ އުމުރުން 55 އަހަރުވުމުން އިނާޔަތް ދިނުމާއެކު، ވަޒީފާއިން ރިޓަޔާކޮށް ވަޒީފާ ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ. ނަމަވެސް އެގޮތަށް ރިޓަޔާރ ކުރެވޭނީ އީސީ އަށް މަދުވެގެން 15 އަހަރު ޚިދުމަތް ކޮށްފައިވާ ނަމައެވެ.
އެގޮތަށް ރިޓަޔާކުރާ ކޮންމެ މުވައްޒަފަކަށް އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި، އެމީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ޚިދުމަތް ކުރި އަހަރު ގުނަ ކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ އެމީހަަކަށް ލިބިދޭންވާނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެމީހަކު ޚިދުމަތް ކުރީ އަހަރު 15 އަހަރު ދުވަހަށްްވުރެން އިތުރަށް ކަމަށްވާނަމަ އެއްފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލާނީ 15 އަހަރު ދުވަހަށެވެ.
ވަޒީފާއިން ރިޓަޔާރ ކުރާ ކޮންމެ މީހަކަށް މަހުން މަަހަށް އެމީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެމީހަކު އެންމެފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ހިދުމަތް ކުރާތާ 30 އަހަރު ދުވަސް ވެފައިވާނަަމަ އެއިރަކު އެ މުވައްޒަފަކަށް ލިބޭ މުސާރަ، ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އިސްލާހުގައި މުވައްޒަފުންނާއި މެންބަރުންނަށް އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ދޭނެގޮތްވެސް ވަނީ ބަޔާން ކޮށްފައެވެ.
އީސީ އިން މިއަދު ކުރި އިއުލާނުގައި ވަނީ ކޮމިޝަންގެ ޤަވާއިދަށް މިދިޔަ ފެބްރުއަރީ މަހު ގެނައި އިސްލާހު ބާތިލް ކޮށްފައިވާ ކަމަށެވެ. އެ އިސްލާހު ބާތިލް ކުރީ ފިނޭންސް މިނިސްޓްރީ އިން އަންގައިގެން ކަަމަށް ވެސް ކޮމިޝަނުން ވަނީ ބުނެފައެވެ. އީސީގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑަ އަޅަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާތީ، އެގޮތަށް ކޮމިޝަނުން ޤަވައިދަށް ބަދަލެއް ނުގެނެވޭނެ ކަމަށް މިނިސްޓްރީ އިން އަންގާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.