ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ފަހަތުގައި އޮތީ މަކަރުވެރި ހީލަތްތެރި ރޭވުން ތަކެކެވެ. ތެދެކެވެ. ޔަހޫދީންނަކީ ފެށުނީއްސުރެވެސް ހީލަތްތައް ރާވައި ދުނިޔެ ފަސާދަ ކުރަމުންދާ ބައެކެވެ. ނަތަންޔާހޫގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސަރުކާރުން ދައުވާ ކުރަމުންދާ ގޮތުގައި އެބައިމީހުން ހަނގުރާމަ ކުރަމުން ދަނީ ޣައްޒާގައި ތިބި ޓެރަރިސްޓުން ނައްތާލުމަށެވެ.
ފަލަސްތީނުގެ ޣައްޒާ ކޮންޓްރޯލު ކުރަމުންދާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށް ޒައިނިސްޓުންނާއި ހުޅަނގުން ދެކެއެވެ. އެމީހުން އެގޮތަށް ދެކޭ މައިގަނޑު ސަބަބަކީ ހަމާސްއިން ޔަހޫދީންގެ ކުރިމަތީގައި، ފިނޑި އަރަބި އަމީރުންނާއި ރަސްރަސް ކަލުން ފަދައިން "ސައިޒަށް ކެނޑި" ކުޑަ ކަކުލަށް ތިރިވެ ބޯ ގުދު ނުކުރާތީއެވެ. އެޅިހާ ބަތަކަށް ރިހަ ނުވާތީއެވެ. ފަލަސްތީނުގެ މިނިވަން ކަމަށް ލެއިން ގުރުބާން ވާތީއެވެ. އިސްރާއީލުގެ ހަމަލާތަކަށް ރައްދުގައި ހަމަލާ ބަދަލު ކުރަމުން ގެންދާތީއެވެ. އެމީހުންގެ އަމިއްލަ ބިމުގެ ހައްގުގައި ޖިހާދު ކުރަމުން ދާތީއެވެ.
ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުމަށް ކަޅިއެއް ހިންގައިލާ ނަމަ ޖެހެނީ 19 ވަނަ ޤަރުނަށް ދާށެވެ.
ދުނިޔޭގައި މިހާތަނަށް ކުރެވިފައިވާ ހަނގުރާމަ ތަކަށް ބަލާއިރު އެކަމުގެ ފަހަތުގައި އޮންނަ މައިގަނޑު އެއް ސަބަބަކީ ވަސީލަތްތައް ހޯދައިގަތުމެވެ. ބައެއްފަހަރު ޤައުމު ތަކުގައި ހުންނަ ޤުދުރަތީ ވަސީލަތް ތަކުގެ މުއްސަނދިކަން ނިގުޅައި ގަތުމަށެވެ. އަނެއްބައި ފަހަރު ބިމުގެ ބޭނުމުގައެވެ. ހަމަ އެފަދައިން އިސްރާއިލު ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ހަމަލާ ތަކުގެ ފަހަތުގައި އޮތީ ޣައްޒާގެ ބިމުގެ ބޭނުމެވެ. "ޓޭރަރިޒަމް އާއި ދެކޮޅު" ނަންބޯޑަކީ ބައިނަލްއަޤްވާމީ ދުނިޔެއަށް ދައްކާ ދަޅައެކެވެ. އެއީ ޤައުމު ތަކުން ޙާއްސަކޮށް ޢަރަބި ދުނިޔެއިން އަންނަ ޕްރެޝަރު ކުޑަކުރުމަށް ގެންގުޅޭ އުކުޅެކެވެ.
ރަތްކަނޑާއި މެޑިޓުރޭނިއަން ކަނޑު ގުޅުވާލަދޭނެ ބެންޖޫރިއަން ކެނަލްގެ ވާހަކައަކީ މީގެ އެތަށް އަހަރެއް ކުރިއްސުރެ ހުޅަނގުން ރާވަމުން ގެންދާ ކަންތައް ތަކެކެވެ. އިނގިރޭސިން މިސްރުން ފޭބި ފަހުން ސުއޭޒް އަކީ މިސްރު ސަރުކާރުން ކޮންޓްރޯލް ކުރާ ތަނެކެވެ. ވީމާ ހުޅަނގުގެ ބާރު ހިނގާ ކެނަލްއެއްގެ ގޮތުގައި ބެންޖޫރިއަން ކެނަލް އޮންނަން ހުޅަނގުގެ ދައުލަތް ތަކުންވެސް ރުހެއެވެ. އެހެން ކަމުން ހުޅަނގުން ވެސް ވަނީ ޣައްޒާގައި ޔަހޫދީން ހިންގާ ޖަރީމާ ތަކަށް ބީރު ކަންފަތެއް ދީފައެވެ. އ.ދ. ގައި އިސްރާއީލާއި ދެކޮޅަށް ކުރެވޭ ކޮންމެ މަސައްކަތެއް އިނގިރޭސީންނާއި އެމެރިކާއިން އަޑީގައި އޮވެގެން ފެއިލް ކޮށްލައެވެ. ވީޓޯ ކުރަން ޖެހިއްޖެނަމަ ވީޓޯ ކުރެއެވެ. މި ޤަތުލުއާމު ހުއްޓުވުމަށް މުޅި ދުނިޔެ ވަނީ ނުކުޅެދިފައެވެ.
ހަމާސްގެ އަތްދަށުން ޣައްޒާގެ ބާރުވެރިކަން ޔަހޫދީންގެ އަތްދަށަށް ގެންދެވިއްޖެނަމަ ޢައްޒާގެ ބިމުގައި މި ކެނަލްގެ އަމަލީ މަސައްކަތް ފަށަން މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ދުނިޔޭގެ މަސްރަޙު ދިރާސާކުރާ މުރާސިލުން ޤަބޫލު ކުރެއެވެ. ޣައްޒާގެ މަގުން ލާފައި، މި ކެނަލް ޤާއިމު ކުރެވިއްޖަނަމަ އެތަށް ޚަރަދަކާއި ކުރަންޖެހޭ މަސައްކަތް ވެސް ބޮޑުތަކުން ކުޑަވާނެ ކަމަށް އިސްލާއިލުގެ ކަމާބެހޭ އިދާރާ ތަކުން ހާމަކޮށްފައިވެއެވެ.
ބެންޖޫރިއަން ކެނަލް ހަގީގަތަކަށް ވެއްޖެނަމަ ކޮންމެ އަހަރަކު 10 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ޔަހޫދީ ދައުލަތަށް ލިބޭނެކަމަށް އިޤްތިސާދީ މާހިރުން އަންދާޒާ ކުރެއެވެ. މިއީ މިހާރު މިސްރުގެ ސުއޭސް ކެނަލުން ހޯދާވަރުގެ އާމްދަނީ އެކެވެ. ކަން މިމަގުން ހިނގުމަށް މެދުވެރިވެއްޖެ ނަމަ، ސުއޭސް ކެނަލުން ލިބެނުންދާ އާމްދަނީ އެތަށް ގުނައެއް މަދުވެ މިސްރުގެ އިޤްތިސާދަށް ބޮޑު ހީނަރު ކަމެއް އަންނާނެއެވެ. އަދި މިކަމަކީ މެދުއިރުމަތީގައި ޢަރަބިން އިތުރަށް ބަލިކަށިކޮށް ބައިބައިވުން ތަކާއި އެތެރޭގެ ހަމަނުޖެހުން އިތުރުވާނެ ކަމެކެވެ. ޢަރަބިންނަށް އެކަން އެނގިތިބެމެ، އެމެރިކާ ދެކެ ގަންނާކުރައްވާ ބިރުން ކަހާ ތަން ހިރުވާލާކަށް ވެސް ނުކެރެއެވެ.