މެމްބަރު މީކާއީލް ނަސީމް

ތިން މަސް ތެރޭގައި ގޯތި ހަވާލު ކުރުން ލާޒިމުކޮށް ބިލު ފާސްކޮށްފި

ތިން މަސް ތެރޭގައި ގޯތި ހަވާލު ކުރުން ލާޒިމުކޮށް ބިލު ފާސްކޮށްފި

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތް ތަކަށް ގޯތި ހަވާލު ކުރުން ލާޒިމުކޮށް، ބިމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކޮށްފިއެވެ.

މިއީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

ދިރިއުޅުމަށް ދޫކުރާ ގޯތި ލިބުނު މީހުންގެ ލިސްޓު ނެރޭތާ ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތް ތަކަށް ގޯތި ހަވާލު ކުރުން ލާޒިމު ކުރުމަށް ބިމާބެހޭ ޤާނޫނުގައި ހިމަނަން މި ބިލުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މުއްދަތު ތިން މަސް ދުވަހަށް ބިލް ދިރާސާ ކުރި ކޮމިޓީން ވަނީ ކުޑަ ކޮށްފައެވެ.

މީކާއީލް ވިދާޅުވީ ޤާނޫނަށް މި އިސްލާހު ގެނައުމުގެ މައިގަނޑު ސަބަބަކީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި "ބިންވެރިޔާ ސްކީމް"ގެ ދަށުން އެތައް އަހަރު ތަކަކަށް ފަހު މާލެ ސަރަހައްދުން ދޫކުރަން ނިންމި ބަންޑާރަ ގޯތިތައް، އެ ގޯތިތައް ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް ގެޒެޓްގައި އާއްމު ކުރުމަށް ފަހު އެތައް ދުވަހެއް ފާއިތުވެފައި ވީނަމަވެސް، އެ ގޯތިތައް ހަވާލު ކޮށްފައި ނުވާތީ، އެ ފަރާތް ތަކުން ފާޅު ކުރަމުންދާ ކަންބޮޑުވުން ތަކަށް ޤާނޫނީ ގޮތުން ހައްލެއް ހޯދައިދިނުން ކަމަށެވެ. މި ފަދަ މައްސަލަތައް ތަކުރާރު ވެގެން ނުދާނޭކަން ކަށަވަރު ކުރުމާއި، ބަންޑާރަ ގޯތި ދޫކުރާ އިދާރާ ތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަން ޖެހޭގޮތް ހެދުން ކަމަށްވެސް ވިދާޅުވިއެވެ.

ޤާނޫނުގައި ހިމަނަން މީކާއީލް ހުށަހަޅުއްވާފައިވާ މާއްދާ ތަކުގައި ބުނެފައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީޚުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތް ތަކަށް އެ ގޯތި ދޫކުރި އިދާރާ އަކުން ގޯތި ހަވާލު ކުރަންވާނެ ކަމަށެވެ.

މި ޤާނޫނަށް އަމަލު ކުރަން ފަށާއިރު، ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށްފަހު ހަވާލު ކޮށްފައި ނުވާ ގޯތިތައް މި ޤާނޫނަށް އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާއި، އެ ގޯތި ދޫކުރި އިދާރާ އަކުން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ޤާނޫނަށް އަމަލު ކުރަން ފަށާއިރު ބަންޑާރަ ގޯތި ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތް ތަކުގެ ދާއިމީ ލިސްޓް ގެޒެޓް ކުރުމަށް ފަހު ރަޖިސްޓްރީ ހަވާލު ނުކޮށްވާ ގޯތި ތަކުގެ ރަޖިސްޓްރީ މި ޤާނޫނަށް އަމުލު ކުރަން ފަށާ ތާރީޚުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ގޯތިތައް ލިބުނު ފަރާތްތަކާ އެ ގޯތި ދޫކުރި އިދާރާއިން ހަވާލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *