މޫސަ މަރާލި މައްސަލަ: އަލީ ހަސަން 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

މޫސަ މަރާލި މައްސަލަ: އަލީ ހަސަން 15 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސ. ހިތަދޫ މުޑުދާސްގެ އަލީ ހަސަން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މިއީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ދުވަހުގެރޭ 11:15 އެހާކަންހާއިރު ދެ ގްރޫޕް ކަމަށްވާ ވައިކަންމަތި ގްރޫޕްގެ ބަޔަކާއި ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ބަޔަކާދެމެދު ހިންގި މާރާމާރީއެއްގައި، ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ މޫސާ އަހްމަދު މަނިކު މަރައިލުމާ ގުޅިގެން ކުރި ދައުވާއެކެވެ.

މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އޭގެތެރޭގައި ހިމެނެނީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ އާއި ސ. ހިތަދޫ މުޑުދާސް، އަލީ ހަސަން އާއި ނ. ޅޮހީ ކަނީރުމާގޭ، މުހައްމަދު ރިޔާޒްގެ އިތުރުން  މ. ދިއްގަރު ދެބުދާރުގޭ، އަހުމަދު އީޖާދު މުހައްމަދެވެ.

މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ، އެރޭ ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ ހަތް މީހަކު އެމީހުންގެ ރައްޓެއްސެއް ގޮވައިގެން، ޖުމްލަ އަށް މީހުން ހަތަރު ސައިކަލުގައި ހޮސްޕިޓަލަށްދިޔަ މަގުމަތީގައި ޝާރިއުވަރުދީ މަގުގެ ޓްރެފިކް އޮތްގޮތުން، އެމަގުން ދުއްވި ކާރެއްގެ ފަހަތުގައި ކުޑަކޮށް ތާށިވެ، ކުރިއަށް ނުދެވިތިއްބާ، އެމަގުން ދުއްވާފައި އައި ވޯންޓެޑް ގްރޫޕަށް ނިސްބަތްވާ ބަޔަކު، ވައިކަންމަތި ގްރޫޕަށް ނިސްބަތްވާ މީހުންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ފެށީ ކަމަށެވެ.

އެގޮތުން ވޯންޓެޑް ގަރޫޕަށް ނިސްބަތްވާ ފަރާތްތަކުން ވައިކަންމަތި ގްރޫޕުގެ ތިން މީހަކާމެދު މާރާމާރީ ހިންގި ކަމަށާއި، އެތަނުން އެކަކަކީ މޫސާ އަހްމަދު މަނިކު ކަމަށްވެސް ބުނެފައިވެއެވެ.

ވޯންޓެޑް ގްރޫޕުގެ މީހަކު ދުއްވަން އިން ސައިކަލުން ޖައްސައި މޫސާ ދުއްވަންއިން ސައިކަލް ވައްތޓައިލުމަށްފަހު، އޭނާއަށް ހަމަލާދޭން ފެށުމުން ސަލާމަތްވުމަށް ފުނަ ގޯޅި ތެރެއިން ދަނިކޮށް ކަޅިރަވަ ފިހާރަ ކައިރިއަށް މަގުމައްޗަށް ވެއްޓުނު ކަމަށްވެސް ބުނެފައިވެއެވެ. އެވަގުތުވެސް ދެތިން މީހަކު އޭނާއަށް ހަމަލާ ދެމުންދިޔަ ކަމަށާއި، މި ހަމަލާތަކުން ސަލާމަތްވުމަށް އަނެއްކާ އޭނާ އެތަނުން ތެދުވެގެން ދުއްވައިގަތް ކަމަށާއި، އެވަގުތު އޭނާއަށް ހަމަލާދެމުންދިޔަ ވޯންޓެޑް ގަރޫޕުގެ މީހެއް ކަމަށްވާ ސައްމާހު ދުއްވައި ގަތްއިރު އޭނާގެ އަތުގައި ވަޅިއެއް އޮތްކަމަށްވެސް ބުނެފައިވެއެވެ. މޫސާގެ ފަހަތުން ސައްމާހު ފުނަގޯޅިން ދުވެފައިގޮސް އިރާކު މަގަށް އަޅާ ކަމަށާއި، ސައްމާހާއެކު މޫސަގެ ފަހަތުން އަލީ ހަސަން ދިޔަކަމަށްވެސް ބުނެފައިވެއެވެ. އެފަރާތްތަކުގެ ކިބައިން ސަލާމަތްވުމަށް މޫސަ ދުވެފައި އިރާކުމަގުން ކުޅިދޮށުމަގަށް އަޅައި ޝާރިއުވަރުދީ މަގަށް އަލައިގެންދަނިކޮށް ވެއްްޓުނީ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެނާ މަގުމައްޗަށް ވެއްޓުނުތަން ފެނުނު ފުލުހުން އޭނާ ހޮސްޕިޓަލަށ ގެންދިޔަ ކަމަށާއި، އެއިރުވެސް މޫސަ އޮތީ މަރުވެފައި ކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މޫސަގެ ސައިކަލްގައި ޖައްސައި މަގުމައްޗައް ވައްޓައިލީ ކާކުކަން ހުށަހެޅި ހެކިތަކުން ސާފު ނުވާކަމަށްވެސް ރިޕޯޓުގައިވެއެވެ. ސައިކަލް ވެއްޓުމުން މޫސައަށް ހަމަލާދީ އަދި އޭނާގެ ފަހަތުން ފުނަގޯޅިން ދުވި އެކަކީ ސައްމާހު ކަމަށާއި، ނަމަވެސް އޭނާ ހާދިސާ ހިނގިތަނަށް ގޮސްފައި ވަނީ މި މައްސަލައިގައި ދައުވާލިބޭ އަލީ ހަސަންގެ ސައިކަލްގެ ފަހަތު ސީޓުގައި ކަމަށެވެ. އަދި މޫސަގެ ފަހަތުން ސައްމާހު ވަޅި ހިފައިގެން ދުވިއިރު އަލީ ހަސަންވެސް ސައިކަލްގައި އިނދެ މޫސަ ފަހަތުން ސައްމާހާއެކު ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އަލީ ހަސަންގެ އަމަލްތަކުން އޭނާގެ ބޭނުމަކީ މޫސައަށް ދެމުންދިޔަ ހަމަލާތަކުގައި ބައިވެރިވުންކަން އެނގުނު ނަމަވެސް މި މައްސަލައިގައި ދައުވާއުފުލި މުހައްމަދު ރިޔާޒް އާއި އަހުމަދު އިޖާޒްގެ އަމަލުތަކަށް ބަލާއިރު އެ ދެމީހުން އެތަނަށް މޫސަ އަށް ކަމަލާސިން މީހަކު ގެންގޮސްފައިނުވާކަމަށްވެސް ވެއެވެ. އަދި ސަލާމަތްވާންފެން ފުނަކޯޅިން މޫސަ ދުވެފައިދިޔައިރު، އޭނާގެ ފަަހަތުން އެ ދެމީހުންކުރެ މީހަކު ދުވެފައި ނުވަތަ ސައިކަލްގައި ގޮއްފައިނުވާކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ހާދިސާ ހިނގިވަގުތު އެ ދެމީހުން އުޅެފައިވާގޮތް ސީސީޓީީވީ ފްޓޭޖުން ފެންނަންއޮތްއިރު އެ ދެމީހުންގެ ފަރާތުން މޫސަ މަރައިލުމަށް ހިންގާފައިވާ އެއްވެސް އަމަލެއްގައި ބައިވެރިއެއްނުވާކަމަށްވެސް ރިޕޯޓުގައިވެެއެވެ.

އެހެންކަމުން އެ ދެމީހުންކުރި އެއްވެސް އަމަލަކުން މޫސަ މަރުވުމަށް އެހީތެރިިކަމެއް ނުވަތަ އެކަން ކުރި މީހުންނަށް ހިއްވަރެއް ލިބިފައިނުވާކަމަށްވެސް ހުކުމްގައިވެއެވެ.

"އެއާ ހިލާފަށް މޫސައަށް ހަމަލާ ދިނުމުގައި ސައްމާހުއަށް އަލީ ހަސަންގެ ފަރާތުން އެހީތެރިކަން ލިބި ހިއްވަރު ލިބިފައިވެއެވެ. އެހެންކަމުން މޫސަ މަރައިލުމުގައި ބައިވެރިވިކަމަށް ބެލެވެން އޮތީ މި މައްސަލައިގައި ދައުވާލިބޭ ތިން ފަރާތުގެ ތެރެއިން އަލީ ހަސަން އެކަންޏެވެ.،" ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެއެވެ.

އެހެން ކަމުން މި މައްސަލައިގައި މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ގާޒީ އަލީ ނަދީމް ކުރެއް ހުކުމްގައި ވަނީ، މޫސާ މަރައިލުމުގައި ބައިވެރި ވެފައިވާ ކަމަށް ބަޔާންކޮށް، ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން  އިޖާދާއި ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ދައުވާ ޤާނޫނު އަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށެވެ.

ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މޫސަ މަރައިލުމުގައި އަލީ ހަސަން ބައިވެރިވެފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާތީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގައި ބައިވެރިވުމުގެ ކުށުން، އަލީ ހަސަން ކުއްވެރިވެއްޖެ ކަމަށް ކަނޑައަޅައި 15 އަހަރު ދުވެހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ވަނީ ހުކުން ކޮށްފައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން 26 އޮކްޓުބަރު 2017 ގައި ހައްޔަރުކުރި ގޮތަށް ޝަރީއަތް ނިމުމާ ހަމައަށް އޭނާ ބަންދުން ދޫކޮށްފައެއްނުވާތީ، އޭނާ ބަންދުގައި ހޭދަކުރި ހަ އަހަރާއި ފަސް މަހާއި 29 ދުވަސް އެ ހުކުމުގެ މުއްދަތުން އުނި ކުރުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ އަށް އަހަރާއި ހަ މަހާއި އެއް ދުވަސްކަމަށް ވެސް ހުކުމްގައި ވަނީ ކަނޑައަޅައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *