މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އޮންނަ އިނާޔަތް ކަނޑާލަން ތާއީދު: މުސާ ސިރާޖު

މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އޮންނަ އިނާޔަތް ކަނޑާލަން ތާއީދު: މުސާ ސިރާޖު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދެމުން އަންނަ މާލީ އިނާޔަތް އުވާލުމަށް ތާއީދު ކުރައްވާ ކަމަށް ވެރިކަން ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

މަޖިލިސް މެންބަރުކަން ކޮށްފައިވާ ފަރާތް ތަކުގެ އަދަދު ކޮންމެ ދައުރަކުން އިތުރުވަމުން ދާއިރު، އެފަރާތް ތަކަށް މާލީ އިނާޔަތް ދޭން ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ބޮޑުވަމުން އަންނަ މައްސަލައިގައި އާންމުން ދަނީ ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އެ އިނާޔަތްތައް ކަނޑާލުމަށް އެކި ދައުރުގައި މަޖިލީހަށް ހުށަހަޅާފައިވެސް ވެއެވެ. އެގޮތުން އެ އިނާޔަތްތައް ކަނޑާލުމަށް އެންމެ ފަހުން ހުށަހެޅީ، މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައި އެ އިނާޔަތްތައް ކަނޑައިލުމަށް 2022 ވަނަ އަހަރު މަޖިލީހަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ އޭރުގެ މެންބަރު، އަދި މިހާރުގެ އެޓާނީޖެނެރަލް އަހްމަދު އުޝާމްއެވެ. އޭނާ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރު ތަކުގެ ޤާނޫނުގެ އަށްވަނަ މާއްދާ އުނި ކުރުމަށެވެ.

އެ މާއްދާގައި ބުނަނީ، މަޖިލީހުގައި އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މާލީ އިނާޔަތް ތަކުގެ ގޮތުގައި މުސާރައިގެ 30 ޕަސެންޓް ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ދެ ދައުރު މެންބަރުކަން އަދާކޮށްފައިވާ މީހަކަށް މުސާރައިގެ 45 ޕަސެންޓް ދޭންވާނެ ކަމަށެވެ. މީގެއިތުރުން މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މަޖިލިސް މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސް ފަރުވާ ކޮށްދޭންވާނެ ކަމަށާއި، ކޮންމެ މީހަކަށް އޮފިޝަލް ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އުޝާމް ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރު ތަކުގެ ޤާނޫނު" ގައި ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތް ތަކެއް ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އިނާޔަތަކީ ދައުލަތަށް 30-20 އަހަރު ޚިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތް ތަކެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި އެވަގުތު ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން ބިލު ބަލައިގަންނަން ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ. ބިލު ބަލައި ނުގަތުމަށް 31 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު ބަލައިގަތުމަށް ބޭނުންވީ 19 މެންބަރުންގެ ވޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *