ބަންޑާރަ ނައިބުގެ ލަފާ: ކައުންސިލަކުން ނެރޭ ބަޔާން ބާތިލް ކުރަން އެލްޖީއޭ އަކަށް ނޭންގޭނެ

ބަންޑާރަ ނައިބުގެ ލަފާ: ކައުންސިލަކުން ނެރޭ ބަޔާން ބާތިލް ކުރަން އެލްޖީއޭ އަކަށް ނޭންގޭނެ

ކައުންސިލްތަކުން ނެރޭ ބަޔާންތައް ބާތިލްކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ނޭންގޭނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ތަކަށް ފާޑުކިޔައި ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އެލްޖީއޭ އިން ވަނީ އަންގައިފައެވެ.

އޭޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާބެހޭ ގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ، ކައުންސިލަކުން ޤާނޫނު އަސާސީއާއި ނުވަތަ ޤާނޫނާއި ޚިލާފަށް ކަމެއް ކުރާނަމަ އެލްޖިއޭއިން ދެން އަމަލު ކުރަންޖެހޭ ގޮތްވެސް ޤާނޫނުގައި ބަޔާން ކޮށްފައި އެބައޮތް ކަމަށެވެ.

"ވަކި ޕްރިސެސްއެއް ފުރިހަމަ ކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އެޅޭނެ ކަަމަށް ޤާނޫނުގައި ބަޔާން ކޮށްފައި މިއޮތީ. މިހެން އޮތް ކަމެއްގައި ކައުންސިލަކުން ނޫސް ބަޔާނެއް ނެރުމާގުޅިގެން އެ ނޫސްބަޔާން ބާތިލް ކުރުމަށް އެލްޖީއޭއަށް އެންގިދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރަން ކުޑަކޮށް ދަތި. އަޅުގަނޑު ގަބޫލު ކުރާކަމެއް ނޫން އެެއީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ، އެލްޖީއޭއަށް ޤާނޫނީ ލަފާ އަރުވާ މީހެއްގެ ހައިސިއްޔަތުން އެހެން އެކަން ނުކުރެވޭނެ ކަމަށް، އެލްޖީއެއަށް ޤާނޫނީ ލަފާވެސް ދެއްވާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ކެނދިކުޅުދޫއަށް ވެސް ވަޑައިގެންނެވިއެވެ.

އެކަމާގުޅިގެން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ވަޑައިގެން ބޭއްވި ޖަލްސާގެ ވަކި ހިސާބަކުން ރައީސް އާއި ވަޒީރުންގެ ވާހަކަފުޅުގެ މިސްރާބު ސިޔާސީ ޕޯޑިއަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ފަރާތުން މަޖިލިސް އިންތިބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ދެއްކެވި ވާހަކަފުޅަކަށް ބަދަލު ވެފައިވާ ކަމަށެވެ.

"އެ ހަފުލާ އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މަގުސަދުގައި އިންތިޒާމު ކުރެވުނު ހަފުލާއަކަށް ބަދަލު ވެގެންދިޔަ ދިއުން، މި ކައުންސިލުގެ ފަރާތުން ކުށްވެރި ކުރަމެވެ. ކައުންސިލުން ދެކޭ ގޮތުގައި ދައުލަތުގެ ވަސީލަތްތަކާއި ދައުލަތުގެ އިދާރާތަކުގެ ނަހަމަ ބޭނުން ހިފައިގެން ހިންގޭ އެފަދަ އަމަލު ތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރަށް ވަރަށް ބޮޑަށް ބުރޫއަރާނެއެވެ،" ބަޔާނުގައިވެއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް "ވަން" އަށް މިއަދު ވިދާޅުވީ، އެ ބަޔާން މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ބާތިލު ކުރުމަށް، އެލްޖީއޭ އިން ލިޔުމަކުން މިއަދު އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

"އެލްޖީއޭ އިން ބުނީ ކައުންސިލް ތަކަށް އެ ގޮތަަށް ބަޔާން ނުނެރެވޭނެ ކަމަށް. އަދި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ވިދާޅުވާ ކަންކަމަށް ކައުންސިލުން ފާޑު ނުކިޔޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އެލްޖީއޭއިން އެނގުމުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު ވަނީ ކައުންސިލް ތަކަކީ ޤާނޫނީ ވަކި ސަޚުޝެއް ކަމަށާއި އެލްޖީއޭގެ އެންގުން މަޖިލީހުން ބަލާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *