ފްލެޓް ލިސްޓުގެ މަސައްކަތް ކުރިއަށް ގެންދާނީ އޭޖީގެ ލަފާ ލިބުމުން: މިނިސްޓްރީ

ފްލެޓް ލިސްޓުގެ މަސައްކަތް ކުރިއަށް ގެންދާނީ އޭޖީގެ ލަފާ ލިބުމުން: މިނިސްޓްރީ

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަ ތަކެއް އުޅޭ ކަމަށް ފެނިގެން ފްލެޓް ދިނުން ހުއްޓުވުމަށް ފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދާ ތަހުގީގުގައި ފްލެޓް ލިބޭ ކަމަށް ޝަރުތު ކަމަވާ ކަމަށް ކަނޑަަޅައި މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓަށް ލިސްޓެއް ފޮނުވާފައިވާއިރު، އެ ކަމުގައި މިނިސްޓްރީން ދެން ކުރިއަށް ދާނީ އެޓާރނީ ޖެނެރަލް (އޭޖީ)ގެ ލަފައެއް ލިބިގެން ކަމަށް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޭސީސީގެ މެންބަރުންނާއި، މިނިސްޓްރީގެ މެންބަރުންގެ އިތުރުން ފްލެޓް ދިންއިރު އޮތް ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި "ގެދޮރުވެރިޔާ" ކޮމިޓީގެ އޭރުގެ ޗެއާރމަން އަކުރަމް ކަމާލުއްދީން ހިމެނޭ ގޮތުން އެ ކޮމިޓީގެ މެންބަރުން ހާޒިރު ކޮށްގެން ރައްޔިތުުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީ އާއި ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

ނާޒިމް ވިދާޅުވީ، ފްލެޓް މައްސަލައިގައި އޭސީސީ އިން ކުރިއަށް ގެންދިޔަ ތަހުގީގުގެ ނަތީޖާ ސިޓީއެއްގެ ޒަރީއާއިން މިމަހު އެއް ވަނަ ދުވަހު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ޕޯޓަލްގެ ބެކަޕް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން ފޯމު ތަކުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުންވާ ލިއުންތައް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފްލެޓް ލިބުނު ކަމަށް ކުރީ ސަރުކާރުން ނެރުނު ލިސްޓުން އަދި މިހާތަނަށް އެކަކުވެސް އުނިކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކުރިއަށްދާނެ ގޮތަކާމެދު އޭޖީގެ ލަފައަކަށް އެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ދެން އެ މަސައްކަތް ކުރިއަށް ގެންދާނީ އޭޖީގެ ލަފާ ލިބުމުން ކަމަށްވެސް ވިދާޅުވިއެވެ. އެއަށްފަހު ޤާނޫނީ މިންގަނޑުތައް ބެލުމަށްފަހު ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *