މާލޭ ރައްޔިތުންނަށް ހުޅުމާލޭން ގޯތި ދިންއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދަށްވެސް ގޯތި ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަދި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ޗެއާމަން އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އަކުރަމް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މީހުންނަށް ފްލެޓް ދިނުމުގައި މައްސަލަތަކެއް އުޅޭ ކަމަށް ފެނިގެން ފްލެޓް ދިނުން ހުއްޓުވުމަށްފަހު، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ޝަރުތު ފުރިހަމަވާ ކަމަށްބުނެ އެ ކޮމިޝަނުން އެކުލަވައިލި ފްލެޓް ލިސްޓާ ބެހޭގޮތުން އޭސީސީގެ މެންބަރުންނާއި ގެދޮރުވެރިޔާ ކޮމިޓީގެ އޭރުގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އާއި ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީ ގުޅިގެން ބޭއްވި ބައްދަލުވުމަށް ހާޒިރު ކުމުން އެ ކޮމިޓީގައި ދެއްކެވި ވާހަކައިގައެވެ.
އަކުރަމް ވިދާޅުވީ ފްލެޓް މައްސަލަ އޭސީސީ އިން ބެލުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަަމަވެސް އޭސީސީ އިން، އެ މައްސަލަ ތަހުގީގު ކުރިއިރު ބަލަންޖެހޭ ކަންތައް ތަކަށް ބަލާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލައެއް އޮތް ނަމަވެސް ފިޔަވަޅު އަޅަން ޖެހޭނީ ފްލެޓް ދިނުމުގައި ގޯސްކޮށް ކަންތައްކުރި ފަރާތަށް ކަަމަށެވެ. ނަމަވެސް ސަރުކާރަކުން ބަޔަކަށް ދީފައިވާ ފްލެޓްތައް އަތުލެވިގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަކުރަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓް ދިނުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އެކަމަށްް ޖެހިލުމެއްނެތި ކުރިމަތި ލައްވާނެ ކަމަށާއި އެކަމަށް ޗެލެންޖު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ، ފްލެޓް ތަކުގެ އިތުރުން މާލޭ ރައްޔިތުންނަށް ހުޅުމާލޭން ގޯތި ދިން މައްސަލަވެސް އޭސީސީ އިން ބަލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަަމަވެސް އެ ގޯތިތައްވެސް ދީފައި ވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރައީސް ޑރ. މުއިއްޒުގެ އަނބިކަނބަލުން ސާޖިދާއަށްވެސް ގޯތި ލިބިފައިވާ ކަމަށާއި، އެ ގޯތީގައި ހައްދަވާނީ ގެސްޓް ހައުސް އެއް ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށްވެސް އަކުރަމް ވިދާޅުވިއެެވެ.
One Response
ފުރަތަމަ ނެރުނީ ވަގުތީ ލިސްޓެއް. ދެން ނެރުނީ ދާއިމީ ލިސްޓެއް. އެއަށްފަހު އޭސީސީއިން އަނގައިގެން އަނެއްކާ ޝަކުވާ ހުށަހަޅަން ފުރުސަތުދީ ދެން ނެރުނީ އެއްމެ ފަހު ލިސްޓް. މީގަ ފުރަތަމަ ވަގުތީ ލިސްޓަ ފުރަތަމަ ދާއިމީ ލިސްޓް ދެމެދުގަ ރޭންޑަމް ދިރިއުޅުމުގރ ހާލަތު ބެލުމުގެ ކަމެއް ހިނގި. ބައެއް މީހުން ދިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާކަމަށް ހައުސިންއިން ބުނީ. ތިޔަބުނާ ފަހުން ފޯމްތަކަށް ގެނައި ބަދަލުތަކަކީ މިބުނާ ދިރިއުޅުމުގެ ހާލަތު ބަލައިފައި ގެނެވުނު ބަދަލު. ދެއް އަދި ގިނަ މީހުންނަކަށް ނޭގެ ފްލެޓް ގުރުއަތު ނެގިރޭ ދާއިމީ ދެވަނަ ލިސްޓެއް ނެރުނު ކަމެއް އަދި ފުރަތަމަ ދާއިމީ ލިސްޓަ ފަހުން ނެރުނު ދާއިމީ ލިސްޓަ ވަރަށް ތަފާތު ބޮޑު. އެއްމެ ފަހުން އޭސީސީއިން ލީކް ވި ލޮސްޓާ މިބުނާ ދެވަނަ ދާއިމީ ލިސްޓާ ތަރުތީބު ނަންބަރުވެސް ދިމާވާނެ.