ރިޔާޒް، ޓޫރިޒަމް މިނިސްޓަރާ ކުރަން އޮތް ސުވާލުގެ ފުރުސަތު ދޫކޮށްލައިފި

ރިޔާޒް، ޓޫރިޒަމް މިނިސްޓަރާ ކުރަން އޮތް ސުވާލުގެ ފުރުސަތު ދޫކޮށްލައިފި

މި ހިނގާ ފަސް އަހަރު ދުވަހުގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާއިން އޮޕަރޭޝަނަށް ގެނެވޭނެ ރަށްތަކާބެހޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ ކުރަން އޮތް ސުވާލު އަނބުރާ ގެންގޮސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި އޮތީ، ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒެވެ.
ރިޔާޒުގެ ސުވާލުގައި އޮތީ ތ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ޓޫރިޒަމް ތަރައްގީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތަކަކީ ކޮބައިތޯ އާއި މި ރަށްތަކުގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ރަށްތަކަކީ ކޮބައިތޯ ބެލުމަށެވެ.
ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ސުވާލު ކުރަން ހަމަޖެހިފައި އޮތް މެންބަރު، މިނިސްޓަރާ ކުރަން އޮތް ސުވާލު އަނބުރާ ގެންދަވާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، މި ސުވާލުގެ މަސައްކަތް މަޖިލީހުގައި އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، މަޖިލިސް މެންބަރެއް މިނިސްޓަރަކާ ސުވާލު ކުރައްވަން މަޖިލީހަށް އެޖެންޑާ ކުރުމަށްފަހު، އެ ސުވާލު އަނބުރާ ގެންދިއުމަކީ އެދުވަހު އެހެން މެންބަރަކު ސުވާލުކުރަން އޮތް ފުރުސަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މެންބަރަކު މިނިސްޓަރާ ކުރަން ބޭނުންވާ ސުވާލު އަނބުރާ ގެންދަވާނަމަ އެޖެންޑާ ކުރުމުގެ ކުރިން އެ ސުވާލެއް އަނބުރާ ގެންދިއުމަށް ސަމާލުކަން ދެއްވުމަށް މަޖިލިސް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *