ހުސްގޮނޑި ނުހިމަނައި ކޯރަމް ގުނުން ސުޕްރީމް ކޯޓުން ހުއްޓުވި މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމަނީ

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލްކުރާ ދާއިރާ ތަކުގެ ތެރެއިން މިހާރު ހުސްވެފައިވާ ދާއިރާ ތަކުގެ ގޮނޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނަން، މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހަށް އަމަލު ކުރުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، މަޖިލީހުން ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ މިއަދު ބަހުސް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓްގެ މަގާމު ތަކަށް ވަޑައިގެން، މަޖިލީހުގެ މެންބަރު ކަމުން އިސްތިއުވާ ދެއްވުމާ ގުޅިގެން އެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ގޮނޑިތައް ވަނީ ހުސްވެފައެވެ.

އެ ބޭފުޅުންގެ ތެރޭގައި ބަންޑާރަ ނައިބު ކަމުގެ މަގާމުގައި ހުންނެވި، ވިލިމާލޭގެ ދާއިރާގެ މެންބަރުކަން ކުރެއްވި އަހުމަދު އުޝާމް އާއި، މިހާރު ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، މަޑުއްވަރީ ދާއިރާގެ މެންބަރުކަން ކުރެއްވި އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ ފިޝަރީޒް މިނިސްޓރު އަޙްމަދު ޝިޔާމް އާއި މިހާރުގެ ޑިފެންސް މިނިސްޓަރު ކުރީގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި، ފެލިދޫ ދާއިރާގެ ގޮޑި ފުރުއްވަމުން ގެންދެވި މިހާރުގެ އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި ނައިބު ރައީސް ގެ މަގާމުގައި މިހާރު ހުންނެވި ފަރެސް މާތޮޑާ ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ހިމެނި ވަޑައިގަންނަވައެވެ.

މަޖިލީހުން ޤަވާއިދަށް އިސްލާހު ގެނައީ އެ ބޭފުޅުން މިހާރު މަޖިލީހުގައި ހިމެނިވަޑައިނުގަންނަވާތީ، އެ ބޭފުޅުން ނުހިމަނައި މަޖިލީހުން ނިންމާ ކަންކަމުގައި މަޖިލީހުގެ ކޯރަމް ގުނުމަށެވެ. ނަމަވެސް އެއީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަަށް ކަނޑައަޅަން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ބަންޑާނަ ނާއިބު އުޝާމްއެވެ.  އެއީ އެ މެންބަރުން ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނުމުން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުން އެކަނި ވޯޓު ލައިގެންވެސް ރައީސް ޑރ. މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަޒުލު ކުރެވޭނެތީއެވެ.

އުޝާމު ހުށަހެޅި މައްސަލައިގައި މައުލޫއީ ގޮތުން ކޯޓުން ގޮތެއް ނިންމަންދެން ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހުކުރު ދުވަހު ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި އަންގާފައި ވަނީ ހުސްގޮޑި ނުހިމަނައި މަޖިލީހުގެ ކޯރަމް ގުނުމަށް މަޖިލީހުން ނިންމި ނިންމުމަށް އަމަލު ކުރުން ހުޓައިލުމަށެވެ. މާނައަކީ މަޖިލީހުގެ ކޯރަމް ގުނަން ޖެހޭނީ މަޖިލީހުގެ ހުސްގޮޑި ހިމަނައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *