ދެ މަސް ދުވަހުގެ މުއްދަތަށް ހަމަލާތައް މެދުކަނޑާލަން އިޒްރޭލުން ހުށަހަޅައިފިއެވެ.
އިޒްރޭލުން މިގޮތަށް ހުށަހެޅީ ދެފަރާތުން ރަހީނު ކޮށްފައިވާ ރަހީނުން މިނިވަން ކުރުމަށް މުއްދަތު ދިނުމަށް ކަމަށް ބުނެއެވެ. މި ހުށަހެޅުން އިޒްރޭލުން ހަމާސް ޖަމާއަތަށް ހުށަހެޅީ ގަތަރާއި މިސްރު މެދުވެރިކޮށެވެ.
ރަހީނުން މިނިވަން ކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އެކި ބައިބަޔަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ އަންހެނުން ހިމެނެއެވެ. އަދި ސިއްޙީ ފަރުވާ ހޯދަމުން އަންނަ މީހުންވެސް ހިމެނެއެވެ.
އިޒްރޭލުން ހަމާސްއަށް ހުށަހެޅި ހުށަހެޅުމުގައި އިޒްރޭލް ޖަލުތަކުގައި ތިބި ފަލަސްތީނު ރައްޔިތުން މިނިވަން ކުރުންވެސް ހިމެނެއެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ބޮން އަޅައިގެންނާއި އެއްގަމު މަގުން ހަމަލާދީ ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ވަނީ ޝަހީދު ކޮސްލާފައެވެ.