ކައިވެންޏަށްފަހު އަނިޔާއާ ހިސާބަށް ޙާލަތު ގޯސްނަމަ މައްސަލަ ހިއްސާކޮށް ކައިވެނި ނިމުމަކަށް ގެނެވޭނެކަމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ، ނޮޅިވަރަމުގައި މަރުވެފައި އޮތްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލައަށް އިޝަރާތްކުރައްވައެވެ. އެރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުނާ ގޮތުގައި ފިރިމީހާގެ ފަރާތުން އެ އަންހެންމީހާއަށް އެކި ދުވަސްމަތިން އަނިޔާ ލިބިފައިވާކަމަށެވެ.
ޒައިދު ވިދާޅުވީ، ކައިވެނި ކުރާއިރު ކައިވެނި ކުރެވެނީ ކާކާކަން ރަނގަޅަށް ބަލަންވާނެކަމަށެވެ. އަދި ކައިވެންޏަށްފަހު އަނިޔާއާ ހިސާބަށް ޙާލަތު ގޯސްނަމަ މައްސަލަ ހިއްސާކޮށް ކައިވެނި ނިމުމަކަށް ގެނެވޭނެކަމަށާއި، އަނިޔާ ތަޙަންމަލުކޮށްލަ ކޮށްލާ ހުރުމެއް އިސްލާމްދީން ބާރެއް ނާޅާކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
އަންހެނުންނޭވެ! ކައިވެނި ކުރާއިރު ތިޔަ ކައިވެނި ކުރެވެނީ ކާކާކަން ރަނގަޅަށް ބަލާށެވެ! އަދި ކައިވެންޏަށްފަހު އަނިޔާއާ ހިސާބަށް ޙާލަތު ގޯސްނަމަ މައްސަލަ ހިއްސާކޮށް ކައިވެނި ނިމުމަކަށް ގެނެވޭނެކަން ދަންނާށެވެ! އަނިޔާ ތަޙަންމަލުކޮށްލަ ކޮށްލާ ހުރުމެއް އިސްލާމްދީން ބާރެއް ނާޅައެވެ!
— Ali Zaid (@alizaid1000) December 11, 2022
އަންހެން މީހާގެ މަރުގެ މައްސަލަ ފެންމަތިވެފައިވަނިކޮށް އެފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި ހުއްޓާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ ކުޅުދުއްފުއްޓަށް ދިޔުމަށް ލޯންޗު ހަމަޖައްސާފައިވަނީ ޑޮކްޓަރަށް ދެއްކުމަށްކުރާ ދަތުރެއްކަމަށް ބުނެ ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
އަންހެން މީހާ މަރާލުމުގެ ތުހުމަތު އޭނާއަށް ކުރިނަމަވެސް މީގެކުރިން ގެވެށި އަނިޔާގެ މައްސަލައެއް ނޮޅިވަރަމް ކައުންސިލަށް ރިޕޯޓުކޮށްފައި ނުވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ފިރިހެން މީހާއަކީ ނޮޅިވަރަމަށް ނިސްބަތްވާ މީހެއް ނޫންކަމުން އޭނާގެ ކުށުގެ ރިކޯޑާއި ގުޅޭ މަޢުލޫމާތެއް ކައުންސިލަކަށް ސާފެއް ނޫނެވެ. މިމަރާއި ގުޅިގެން ފުލުހުންގެ ތަޙުގީގު ޓީމު އެރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ 3 ކުދިން ތިބެއެވެ. އަންހެން މީހާ ނޮޅިވަރަމްގައި ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއެކުގައި ކަމަށްވުމުން ކުދިން މިހާރު ތިބީ ޢާއިލާގެ ގާތުގައި ކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ.
ނޮޅިވަރަމްގައި މީހަކު މަރާލާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިއަދު މެންދުރު 1230 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު ހޭނެތިފައިވާ މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ސިއްޙީ މަރުކަޒަށް ގެންދިޔަކަމަށާއި، ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ. މިހާދިސާގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޢުމުރުން 28 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.