ސޯޝަލް މީޑިއާގެ އެންމެ ބޮޑު އެއް ޕްލެޓްފޯމް ކަމުގައިވާ އިންސްޓަގްރާމްއަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް މަގުބޫލު ޕްލެޓްފޯމެކެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ އިންސްޓަގްރާމް ބޭނުން ކުރަމުންނެވެ.
ބޮލީވުޑްގެ ތަރިންވެސް އެމީހުންގެ ފޭނުންނާއި އެންމެ ގާތްގުޅުމެއް ބާއްވާ އެއް ޕްލެޓްފޯމް އަކީ އިންސްޓަގްރާމެވެ. އެގޮތުން ބޮލީވުޑްގެ ހުނަރުވެރި ބަތަލާ ކާޖޮލް ވެސް އޭނާގެ ދިރިއުޅުން ފޭނުންނާއި ހިއްސާކުރުމަށް އިންސްޓަގްރާމް ބޭނުންކުރެއެވެ.
މިފަހުން އިންޓަވިއުއެއްގައި ކާޖޮލް ބުނީ އޭނާގެ އިންސްޓަގްރާމް ހޭންޑަލް ކުރަނީ މިހާރު އޭނާ ކަމަށެވެ. ނަމަވެސް އިންސްޓަގްރާމު އެކައުންޓެއް ހުޅުވައިގެން ފުރަތަމަ ދެތިން މަހު އެ އެކައުންޓު ހޭންޑްލް ކުރީ ދަރިފުޅު ނިސާ ދޭވްގަން ކަމަށާއި އެކަން އޭނާ ހުއްޓާލުމުން މިހާރު އެކަން ކުރަނީ އަމިއްލައަށް ކަމަށް ކާޖޮލް ވަނީ ބުނެފައިއެވެ.
"ނިސާ ފުރަތަމަ ކޮޅު އިންސްޓަގްރާމް ހޭންޑަލް ކުރީ. އެކަމަކު ލިޔާ ކެޕްޝަން ތަކާއި މެދުގައި ދެމީހުންގެ ހިޔާލު ތަފާތުވެގެން އެންމެ ފަހުން އޭނާ ކިޔައިފި މަންމަ އެކަނި އެކަން ކުރާށޭ. ތިމަންނާއަކަށް އެކަމެއް ނުވާނޭ. ފަހުން ބުނިން ނިސާ ބޭނުން ކެޕްޝަންއެއް ލިޔާށޭ. އެކަމުން އޭނާ ގަބޫލެއް ނުވި."
– ކާޖޮލް
ނިސާ އެކަން ހުއްޓާލީ އޭނާ އަށް ނިސާ ލިޔާ ކެޕްޝަންތައް ކަމުނުގޮސްގެން އެވާހަކަ ބުނާތީ ކަމަށް ވެސް ކާޖޮލް ވަނީ ބުނެފައެވެ. ނަމަވެސް މިހާރު އިންސްޓަގްރާމަށް އަހުލުވެރި ވެއްޖެ ކަމަށާއި އޭނާގެ އެކައުންޓު މިހާރު މެނޭޖު ކުރަނީ އަމިއްލަ އަށް ކަމަށް ވަނީ ބުނެފައިއެވެ.
ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެފައިވާ 48 އަހަރުގެ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ރެވަތީގެ އަސަރުގަދަ ފިލްމެއް ކަމުގައިވާ "ސަލާމް ވެންކީ"އެވެ.