އެމެރިކާގެ 15 އޮފިޝަލަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާކަން ހޮނިހިރި ދުވަހު އީރާނުން ހާމަ ކޮށްފިއެވެ. އީރާނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެމެރިކާގެ އޮފިޝަލުންގެ ތެރޭގައި، އެމެރިކާގެ ކުރީގެ އާރމީ ޗީފް އޮފް ސްޓާފް ޖޯޖު ކެސޭއާއި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާނޫނީ ވަކީލު ރުޑީ ގިލާނީއާއި ހިމެނެއެވެ.
އިރާނުން އެމެރިކާގެ އިސް އޮފިޝަލުންނާއި ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، 2015 ވަނަ އަހަރުގެ ނިއުކުލިއަރ އެއްބަސްވުން އިއާދަކުރުމަށް ކުރެވެމުންދާ މަޝްވަރާތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އިރާނުން އިއުލާން ކޮށްފައިވާ، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އޮފިޝަލުންގެ ލިސްޓުގައި މުޅިންވެސް ހިމެނެނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި މަސައްކަތް ކުރި އޮފިޝަލުންނެވެ. ޓްރަމްޕްގެ ވެރިކަމުގައި އޭނާވަނީ އިރާނުގެ ގިނަ އޮފިޝަލުންނާއި އަދި ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާ، އަދި 2015ގެ ނިއުކުލިއަރ އެއްބަސްވުމުން އެމެރިކާ ބޭރުކޮށްފައެވެ.
އިރާނުން އާންމު ކޮށްފައިވާ ބަޔާނުގައި އެގައުމުގެ ފޮރިންގ މިނިސްޓްރީން ބުނެފައިވަނީ މި ފަރާތްތަކަކީ، އިރާނާއި ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕުތަކަށާއި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ އޮފިޝަލުން ކަމަށާއި، އަދި އޭގެ އިތުރުން އިސްރާއީލުގެ ދެކޮޅުވެރި އަމަލްތަކަށް ތާއީދުކޮށް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅު ހަރަކާތްތަކުގައި މި އޮފިޝަލުން ބައިވެރިވަމުން ދާކަމުގައެވެ.
އިރާނާއި އެމެރިކާއާއި ދެމެދު 11 މަސްދުވަސް ވަންދެން ކުރިޔަށްދިޔަ ނިއުކުލިއަރ އެއްބަސްވުމާއި ގުޅޭ މަޝްވަރާތައް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. ދެގައުމުން ވެސް ބުނަމުންދަނީ މަޝްވަރާތައް އިތުރަށް ކުރިޔަށް ގެންދިއުމަށް ދެގައުމުގެވެސް ސިޔާސީ ފަރާތްތަކުން ނިންމަންޖެހޭ މުހިންމު ނިންމުންތަކެއް ވާކަމުގައެވެ.
އިރާނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ މީހުންގެ ތެރޭގައި، އަފްއާނިސްތާނުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރ ޖެނެރަލް އޮސްޓިން ސްކޮޓް މިލަރއާއި، އެމެރިކާގެ ކުރީގެ ކޮމާރސް ސެކެޓްރީ ވިލްބަރ ރޮސްގެ އިތުރުން އެމެރިކާގެ ގިނަ އަދަދެއްގެ އެމްބެސެޑަރުންވެސް ހިމެނެއެވެ.
އިރާނުންވަނީ މިއަހަރުގެ ޖެނުއަރީ މަހުވެސް މިފަދަ ލިސްޓެއް އިއުލާން ކޮށްފައެވެ. އެލިސްޓުގައި 51 މީހެއްގެ ނަން ހިމެނޭއިރު، އޭގެ ތެރޭގައި ގިނަ މީހުންނަކީ އިރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގައްސާމް ސުލައިމާނީ އަވަހާރަ ކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުންނެވެ.
ފާއިތުވެދިޔަ އަހަރު އިރާނުންވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުރުން އިތުރު އެހެން އޮފިޝަލުންނާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.