9/11 ގައި، ޓްރަމްޕްގެ ފާޑުކިއުން ބައިޑްންގެ ސަރުކާރަށް

9/11 ގައި، ޓްރަމްޕްގެ ފާޑުކިއުން ބައިޑްންގެ ސަރުކާރަށް

މީގެ 20 އަހަރު ކުރިން، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ވާލްޑް ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓު ހަމަލާއަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޓް ޓްރަމްޕް، މިހާރުގެ ރައީސް ޖޯ ބައިޑްންގެ "ނާގާބިލް" ސަރުކާރަށް، އަފްއާނިސްތާނުން އެމެރިކާ ސިފައިން ބޭލުމުގައި ފެނިގެން ދިޔަ "ނުކުޅެދުންތެރި ކަމަށް" ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ބައިޑްންގެ ސަރުކާރަށް ފާޑު ވިދާޅުވެފައިވަނީ، 9/11 އަށް 20 އަހަރުގެ ފުރުމާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.

"މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް،" ސެޕްޓެމްބަރ 11 ވަނަ ދުވަހަކީ އެމެރިކާއަށް "ހިތާމައާއި ބިރުވެރިކަން ގެނުވި" ދުވަހެއް ކަމުގައި ވިދާޅުވަމުން މި ވީޑިއޯ މެސެޖުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

"އަދި، އަހަރެމެންނަށް އެތައް ގެއްލުމެއް ދިން ބަޔަކާއި ދެކޮޅަށް ކުރަމުންއައި ހަގުރާމަށް ފާއިތުވެދިޔަ ހަފްތާގައި ނިމުން އައިސްފައިވަނީވެސް ވަރަށް ހިތާމަވެރި ގޮތަކަށް،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ޓަރަމްޕް އިޝާރާތް ކުރައްވާފައިވަނީ، އަލްޤައިދާއިން ނިއުޔޯކުގައި ހުންނަ ވާލްޑް ޓްރޭޑް ސެންޓަރަށާއި، އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއަށް ދިން ހަމަލާއަށްފަހު، އަފްއާނިސްތާނަށް އަރާ ޓެރަރިޒަމާއި ދެކޮޅަށް އެމެރިކާއިން މީގެ 20 އަހަރު ކުރިން ފެށި ހަގުރާމަ ނިމިގެން ދިޔަ ގޮތަށެވެ.

މި ހަމަލާއަށްފަހު، އަލްގައިދާއަށް ހިމާޔަތް ދެމުންދިޔައީ އޭރު އަފްއާނިސްތާނުގައި އޮތް ތާލިބާން ޖަމާއަތުގެ ވެރިކަމުންނެވެ. އެހެންނަމެސް، އަލްގައިދާގެ ލީޑަރުން ހައްޔަރުކުރުމަށް އެމެރިކާއިން އަފްއާނިސްތާނަށް އަރާ، އެގައުމުގައި އޮތް ތާލިބާން ޖަމާއަތުގެ ވެރިކަން ބަދަލުކުރިއެވެ.

އެހެންނަމަވެސް، އެމެރިކާއިން ތާލިބާން ޖަމާއަތުގެ ވެރިކަން ވައްޓާލުމާއެކު، އެޖަމާއަތުން، އަފްއާނިސްތާނަށް އަރާތިބި އެމެރިކާގެ ސިފައިންނާ ދެކޮޅަށް ފާއިތުވެދިޔަ 20 އަަހަރު ވަރުގަދަ ގެރިއްލާ ހަގުރާމައެއް ކޮށްފައި ވެއެވެ. މި ހަގުރާމާގައި، އަފްއާނިސްތާނުގެ ރައްޔިތުން ބޮޑު އަގެއް ދައްކާފައި ވާއިރު، އޭގެ 20 އަހަރުފަހުން އެމެރިކާ ސިފައިން އަފްއާނިސްތާނުން ފޭބުމާއެކު، އަނެއްކާވެސް ތާލިބާން ޖަމާއަތުން އަފްއާނިސްތާން އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެނެސް، މިހާރުވަނީ އެޖަމާއަތުގެ ވެރިކަމެއް އެގައުމުގައި ގާއިމް ކޮށްފައެވެ.

"އަހަރެމެންގެ ގައުމުގެ ވެރިޔާ ފެންނަނީ "ބޯ ހަމަ ނުޖެހޭ" މީހެއްގެ ގޮތުގައި، އެވަރުގެ މީހަކުން ދެވަނަ ފަހަރަށް މިގައުމުގެ ވެރިކަމަށް އަޔަ ދީގެން ނުވާނެ،" ވީޑިއޯ މެސެޖުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

އެމެރިކާ ސިފައިން އަފްއާނިސްތާނުން ފޭބުމުގައި ހިގައިދިޔަ ކަންކަމުގެ ސަބަބެއް ކަމުގައި ޓްރަމްޕް ވިދާޅުވުފައިވަނީ އެވެސް ޕްލޭން ކުރުމެއް ނެތުމާއި، އަދި ޕްލޭންތަކުގެ ބަލިކަށި ކަމާއި، އޭގެ އިތުރުން އެމެރިކާގެ ލީޑަރުންނަށް ވާނުވާ ނޭގުމެވެ.

މީގެ އިތުރުން ޓްރަމްޕްވަނީ، އެމެރިކާއިން ހިންގި، މީހުން ބަދަލުކުރުމުގެ އޮޕްރޭޝަންގައި އެމެރިކާގެ 13 ސިފައިން މަރުވި މަރުވުން ކުއްވެރިކުރައްވާ، އަދި އެމެރިކާގެ އަގުބޮޑު އެތަކެއް ހަތިޔާރުތަކެއް، "އެންމެ ވަޒަނެއްވެސް ނުޖަހާ" ތާލިބާނުން ޖަމާއަތުގެ ބާރުގެ ދަށަށް ދިޔަ ދިއުންވެސް ވަރަށް ބޮޑަށް ކުއްވެރި ކުރައްވާފައެވެ.

"ޖޯބައިޑްގެ ގާބިލްކަމެއް ނެތް ސަރުކާރުންވަނީ، ބަލިވެ، އަދި އަމާން ދީފަ،" ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

"އޭނާ އަހަރެމެންނަށް މި ދިން ލަދުވެތިކަމުން އަރައިގަންނަން އަހަރެމެން އެތައް ގޮންޖެހުމެއް ގިރާ ކުރަން ޖެހޭނެ."

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *