ޢަލީ ވަޙީދުގެ މައްސަލާގައި ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށް، މައްސަލަ އިސްތިއުނާފްކުރާނަން: ޕީޖީ

ޢަލީ ވަޙީދުގެ މައްސަލާގައި ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށް، މައްސަލަ އިސްތިއުނާފްކުރާނަން: ޕީޖީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެންކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ޖިންސީ އަނިޔާއެއްކުރުމުގެ ކުށުގެ ދަޢުވާ އާއި، ޖިންސީ ޢަމަލެއް ހިންގުމަށް އެދުމުގެ ދެ ދަޢުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން
ދަޢުވާއާއި، ޖިންސީ ގޯނާކުރުމާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާއާގުޅޭ "އަޑުއެހުމެއް" އާދީއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުނުކަމަށެވެ.

އެ އަޑުއެހުމުގައި ޢަލީ ވަޙީދު ބައިވެރިވެފައިވަނީ ކޮންތަނެއްކަން ނޭނގޭ ތަނެއްގައި ހުރެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްކަމަށާއި، މައްސަލައިގެ އަޑުއެހުން ފެށުމާއެކު، ކުށުގެ ތުހުމަތުކުރެވޭ މީހާ ދިވެހިރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެ ޝަރީޢަތުގައި ބައިވެރިވާކަމަށް ބެލެވޭތީ ދައުލަތުން އެ ކަމަށް އިޢުތިރާޟުކޮށް، އެކަން ވެފައިވާގޮތް ސާފުކުރުމަށް ޝަރީޢަތާ ސުވާލު ކުރިމަތިކުރުވާފައިވާކަމަށް ޕީޖީން ބުންޏެވެ. ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީޢަތުގެ އަޑުއެހުމެއް މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޕީޖީން ބުނީ، މިއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ދަންނަ ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެގޮތަށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނަކަމަށް ބުނެ ދައުލަތުން އިޢުތިރާޟުކުރިކަމަށްވެސް ޕީޖީން ބުންޏެވެ.

ޖަވާބުގައި މައްސަލަ ބައްލަވާ ޤާޟީ ޙަސަން ސަޢީދު ވިދާޅުވެފައިވަނީ އެކަމަށް ކޯޓުން ގޮތެއް ކަނޑައަޅާފައިވާކަމަށާއި، އެކަމާ ގުޅިގެން އިތުރަށް ބަހުސް ނުކުރެވޭނެކަމަށްކަމަށްވެސް ޕީޖީން ބުންޏެވެ. ޝަރީޢަތުން ނިންމަވާ ނިންމެވުންތައް މައްސަލާގައި ހިމެނޭ ދެ ފަރާތާ ލިޔުމުން ޙިއްޞާކުރަންޖެހޭކަމަށާއި، އެހެންކަމުން މިކަމުގައި ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަމަށް ވިދާޅުވާތީ، އެ ނިންމެވުން ލިޔުމުން ދައުލަތާ ޙިއްޞާކޮށްދިނުމަށް ދެންނެވިކަމަށް ޕީޖީން ބުންޏެވެ. ނަމަވެސް އެ ނިންމެވުން ކޯޓުން ޕޖީ އޮފީހާ ޙިއްޞާކޮށްފައެއް ނުވާކަމަށާއި، އެ ނިންމެވުން ނިންމަވާފައިވަނީ، ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލުގެ ލަފާ ލިޔުމުން ލިބިގެންކަމަށް ޤާޟީ ޙަސަން ސަޢީދު ވިދާޅުވިކަމަށް ވެސް ޕީޖީން ބުންނެވެ. ނަމަވެސް، ޤާނޫނުގައި ވަކި ގޮތަކަށް އޮތް ކަމެއްގައި، އަދި އެކަމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ވަކިގޮތެއް ނިންމަވާފައި އޮތް ކަމެއްގައި، އެނޫން ގޮތަކަށް ލަފާ ދެއްވުމަކީ، އިސްޤާޟީ އަޙްމަދު ޝަކީލަށް ކުރެއްވޭނެ ކަމެއްކަމަށް ނުފެންނާތީ، އެވިދާޅުވާ ލަފާފުޅުވެސް ލިޔުމުން ޙިއްޞާ ކޮށްދެއްވުމަށް އެދުނުކަމަށްވެސް ޕީޖީން ބުންޏެވެ. އަދިވެސް އެލިޔުމެއް ނުލިބޭކަމަށްވެސް ޕީޖީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.

މި ޝަރީޢަތް ކުރިއަށްގެންދެވޭނެކަމަށް ޤާޟީ ޙަސަން ސަޢީދު ނިންމެވުމާއެކު، މައްސަލައިގެ "އިބްތިދާއީ އަޑުއެހުން" ކުރިއަށްގެންދެވުނެވެ. މި މައްސަލައާ ގުޅިގެން 09 ފެބްރުވަރީ 2011 ދުވަހު ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ވާނަމަ ހުށަހެޅުމަށް 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ދެއްވާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ފަރާތުން ހުށަހަޅަންހުރި ހުށަހެޅުންތައް ހުށަހަޅާފައިވާނެއެވެ. ނަމަވެސް 21 ޖޫން 2021 ދުވަހުގެ އަޑުއެހުމާ ހަމައަށްވެސް ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅުއްވާފައިނުވެއެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް ޢަލީ ވަޙީދުގެ ފަރާތުން އެދިފައިވެއެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ޝަރީއަތުން ދީފައިވާ މުއްދަތު ފާއިތުވިތާ 3 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން 10 ޖޫން 2021 ދުވަހު ހުށަހެޅުން ކޯޓަށް ފޮނުވާފައިވާކަމަށް ޢަލީ ވަޙީދުގެ ވަކީލުން ވިދާޅުވިއެވެ. ނަމަވެސް، 10 ޖޫން 2021 ދުވަހު ހުށަހެޅިކަމަށް ބުނި ހުށަހެޅުންވެސް ލިބިފައިނުވާކަމަށް ޤާޟީ ޙަސަން ސަޢީދު ޝަރީއަތުގައި ވިދާޅުވިއެވެ.

– ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ޕީޖީން ބުނީ، ޝަރީޢަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ކޯޓުން ކަނޑައަޅާ މުއްދަތު ފާއިތުވުމަށްފަހު އެކަމަށް އިތުރު ފުރުޞަތެއް ނުދެވޭނެކަމަށް ބަޔާންކޮށްފައިވާކަމަށާއި، ޢަލީ ވަޙީދުއަށް ލިބިދިން މި ފުރުޞަތު މަޤްބޫލު އުޒުރެއްނެތި ދޫކޮށްލާފައިވާތީ، ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެދަށުން މި ފުރުޞަތު އިތުރަށް ލިބިނުދެވޭނެތީ، ޢަލީ ވަޙީދުގެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމަށް އިތުރު ފުރުޞަތު ދިނުމަށް ދައުލަތުން އިޢުތިރާޟުކުރިކަމަށެވެ. ނަމަވެސް ޢަލީ ވަޙީދުއަށް ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވުމަށް މައްސަލަ ބައްލަވާ ޤާޟީ ނިންމަވާފައިވާކަމަށް ޕީޖީން ބުންޏެވެ.

ޢަލީ ވަޙީދުގެ މައްޗަށް ކޮށްފައިވާ ދަޢުތަކާ ގުޅިގެން ޤާޟީ ޙަސަން ސަޢީދު ނިންމެވި ބައެއް ނިންމެވުންތައް ލިޔުމުން ޕީޖީ އޮފީހާ ޙިއްޞާކޮށްދިނުމަށް އެދުނު ނަމަވެސް ޤާޟީ ޙަސަން ސަޢީދު އެލިޔުންތައް އެ އޮފީހަށް ދީފައިނުވާކަމަށާއި، ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށްއެދި ކޯޓަށް ހުށަހެޅިކަމަށް ބުނާ މެޑިކަލް ޑޮކިއުމެންޓްތަކާއި، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީޢަތުގައި ބައިވެރިވުމުގެ ހުއްދައަށްއެދި ހުށަހެޅިކަމަށްބުނާ މެޑިކަލް ޑޮކިއުމެންޓްތައް ޙިއްޞާކޮށްދިނުމަށް އެދުމުން، މިހާތަނަށް އެ ލިޔުންތައްވެސް، ޤާޟީ ޙަސަން ސަޢީދު އެ އޮފީހާ ހިއްސާކޮށްފައެއް ނުވާކަމަށްވެސް ޕީޖީން ބުންޏެވެ.

ޕީޖީން ބުނީ، ކޮވިޑުގެ ޙާލަތާ ގުޅިގެން ޝަރީޢަތް ކުރުމާގުޅޭ ޚާއްޞަ އިޖުރާއާތުގައި، ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ޝަރީޢަތް ހިންގުން ހުއްދަކުރާ 12 ޙާލަތެއް އޮންނަކަމަށާއި، އެއިން އެއްވެސް ޙާލަތަކަށް، ޢަލީ ވަޙީދުގެ ޙާލަތު ނުފެތޭތީ، އެޝަރީޢަތަކީ މިގޮތަށް ހިންގޭނެ ޝަރީޢަތެއްކަމަށް ދައުލަތުން ނުދެކޭތީ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޤަޞްދުކުރާކަމަށެވެ. އިސްތިއުނާފު ކުރުމުގެ ކަންތައް އެއްކޮށް ނިންމޭނީ، އެނިންމެވުމާބެހޭ ލިޔުންތައް ޤާޟީ ޙަސަން ސަޢީދު، އެއޮފީހަށް ފޮނުވައިދިނުމުންކަމަށްވެސް ޕީޖީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *