ރާކީ ސާވަންތު ވަނީ އޭނާގެ ކައިވެންޏާއި ގުޅުންހުރި އާ މައުލޫމާތެއް ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. ބިގް ބޮސް 14 ގެ ބައިވެރިއެއް ކަމަށްވާ ރާކީ ބުނާގޮތުން އޭނާ ކައިވެނި ކޮށްގެން އުޅެނީ ރިތޭޝް ނަމަކަށް ކިޔާ މީހަކާ ކަމަށެވެ. މި މީހާއާއި ބެހޭގޮތުން އަދި އެއްވެސް އިތުރު މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ރާކީ ބުނެފައިވަނީ ރިތޭޝް އޭނާއާއި އޭނާގެ މަންމަ އަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށާއި އަދި އޭނާ ވަނީ ރާކީ އަށް މުމްބާއީން ފްލެޓެއް ގަނެދޭނެ ކަމަށް ވައުދު ވެފާކަމަށެވެ. މީގެ އިތުރުން މި ކައިވެނި ރޫޅީއްޖެ ނަމަ އޭނާ އެހެން އިތުރު ކައިވެންްޏެއް ނުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން ދިން އިންޓަވިއުއެއްގައި ރާކީ ބުނެފައިވަނީ ރިތޭޝް އަކީ ކުރިން އެހެން ކައިވެންޏެއް ކޮށްފައިވާ މީހެއް ކަމަށާއި އެނާގެ ދަރިއެއް ވެސް ހުންނަ ކަމަށެވެ. ރާކީ ބިގް ބޮސްގައި އުޅުނު އިރު ރިތޭޝްގެ ނަން ވަނީ ބައެއް ވާހަކަ ތަކުގެ ތެރެއިން ފެންމަތިވެފަ އެވެ.
މިދިޔަ މަހުގައި ރާކީގެ މަންމަ ވަނީ ކެންސަރުގެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އެގޮތުން ރާކީ ވަނީ އޭނާގެ މަންމަގެ އޮޕަރޭޝަނަށް އެހީވެދިން ސަލްމާ ޚާން އަދި އަރްބާޒް ޚާނަށް ފަށްފަށުން ޝުކުރު އަދާކޮށްފައެވެ.