ގައުމީ އެއަރލައިނުން މާފަރާއި މުމްބާއީއާ ދެމެދު ފަށަން ނިންމި ދަތުރުތައް ފަސްކޮށްފި

ގައުމީ އެއަރލައިނުން މާފަރާއި މުމްބާއީއާ ދެމެދު ފަށަން ނިންމި ދަތުރުތައް ފަސްކޮށްފި

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ގައުމީ އެއަރލައިން މޯލްޑިވިއަނުން ފަށަން ހަމަޖައްސާފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިމަހު ފަށަން އޮތް ދަތުރުތައް އަންނަ މަހު ނުވަ ވަނަ ދުވަހު ފެށުމަށް މިހާރު ލަސްކޮށްލާފައި ވާކަމަށެވެ.

އަދި މި ބަދަލު ގެނައީ އިންޑިއާގެ މުމްބާއީގައި ކޯވިޑް ރޯގާ ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެންކަމަށްވެސް ކަމަށް މޫސަ ވިދާޅުވި އެވެ.

މާފަރާއި މުމްބާއީއާ ދެމެދު ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރުވެފައިވާ ކަން މޯލްޑިވިއަނުން އިއުލާންކުރީ މިދިޔަ މަހުއެވެ. އެގޮތުން މިމަހުގެ މުމްބާއިން މާފަރަށް ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓު މާފަރަށް ޖައްސަން ހަމަޖެހިފައިވަނީ އަންނަ މި މަހުގެ 13 ވަނަ ދުވަހު ކަމަށް މޯލްޑިވިއަނުން މިދިޔަ މަހު ވަނީ ބުނެފައެވެ.

އަދި މާފަރާއި، އިންޑިއާގެ މުމްބާއީއާއި ދެމެދު ހަފްތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މޯލްޑިވިއަނުން އޭރު ވަނީ ބުނެފައެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *