މި ފަހަރުގެ ކްރޫޒް ސީޒަނުގައި ރާއްޖެއަށް 34 ދަތުރުކުރުމަށް ތާވަލުކޮށްފި

މި ފަހަރުގެ ކްރޫޒް ސީޒަނުގައި ރާއްޖެއަށް 34 ދަތުރުކުރުމަށް ތާވަލުކޮށްފި

އިންޑިއާ ކަނޑުގެ ކްރޫޒް ސީޒަން ފެށުމާއެކު، މި ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް 34 ކްރޫޒް ލައިނަރު ދަތުރުކުރުމަށް ތާވަލުކޮށްފިއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން އާންމުކޮށްފައިވާ ތާވަލުގައިވާ ގޮތުން، މި ސީޒަނުގައި ރާއްޖެއަށް ބަނދަރުކުރާ ފުރަތަމަ ކްރޫޒް ލައިނަރަކީ އަންގާރަ ދުވަހު އަންނަ "ކޯޑީލިއާ އެމްޕްރެސް" އެވެ. 11 ޑެކް ހިމެނޭ މި ބޮޑު ކްރޫޒް ލައިނަރު އެކަނިވެސް މި ސީޒަނުގައި ރާއްޖެއަށް 16 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ދުނިޔޭގެ މަޝްހޫރު އެތައް ކްރޫޒް ލައިނަރެއް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އައިޑަސްޓެލާ (AIDAstella)، މައިން ޝިފް 6 (Mein Schiff 6)، ވިލާ ވީ އޮޑިސީ (Villa Vie Odyssey)، އަމީރާ (Amera)، ސެވަން ސީސް ވޮޔޭޖަރ (Seven Seas Voyager)، އެމްއެސް ވޮލެންޑަމް (MS Volendam)، ކޮސްޓާ ޑެލިޒިއޯސާ (Costa Deliziosa)، ވައިކިންގް ސްކައި (Viking Sky)، ސިލްވަރ ޑޯން (Silver Dawn)، އަރޓާނިއާ (Artania)، ސެވަން ސީސް ނެވިގޭޓަރ (Seven Seas Navigator)، ވަސްކޯ ޑަ ގާމާ-ނިކޯ (Vasco da Gama-Nicko)، ސެވަން ސީސް ސްޕްލެންޑަރ (Seven Seas Splendor) އަދި އޯޝޭނިއާ ވިސްޓާ (Oceania Vista) ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ކްރޫޒް ޓޫރިޒަމްގެ ދާއިރާ އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކްރޫޒް ލައިނަރުތަކުގައި 17،061 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 8،263 ފަތުރުވެރިންނާ އަޅާބަލާއިރު 106.47 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބެމުންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *