ފުލުހުންނަށް ހިންގާ ހުރިހާ ތަމްރީން ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް ނިންމަވާފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ހިތަދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ, އިހުތިރާމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައާއި އެހެން ފަރާތްތަކާއެކު ކުރެވޭ މުއާމަލާތްތަކުގައިވެސް ކޮންމެ ފުލުހަކު ހިފަހައްޓަންޖެހޭ އަސާސީ ސިފައެއް ކަމާސެވެ.
"އެ އަސާސް ހަރުދަނާކުރުމުގެ ގޮތުން, ދިވެހި ފުލުހުންގެ ހިދުމަތުގެ އަސާސީ ތަމްރީން ކޯހުން ފެށިގެން, އޮޕަރޭޝަނަލް އަދި ފަންނީ ހާއްސަ ތަމްރީނުތައް ހިމެނޭހެން, ފުލުހުންގެ ހުރިހާ ތަމްރީން ޕްރޮގްރާމެއްގައި ހާއްސަ މޮޑިއުލެއްގެ ގޮތުގައި އިހުތިރާމް ހިމެނުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި," ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ނިންމުމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމާއި އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ސަގާފަތެއް އަށަގަތުމަށް އެހީތެރިވެގެންދާނެ ކަމަށެވެ.





