ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި، އޭގެ ބަދަލުގައި ގައުމުގެ އިގްތިސާދު ވަރުގަދަވެ، މިނިވަންކަން ދެމެހެއްޓުމުގެ ގާބިލުކަން އިތުރުވާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރަސްމާލޭގައި ތަރައްގީކުރާ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއަށް ނުސީދާކޮށް އިޝާރާތްކުރައްވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަމުން މިންޖުވި ގައުމުތަކުގެ ތެރެއިން ތަރައްގީގެ މަގުގައި ކުރިއެރުން ހޯދާފައިވަނީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައި، އެ ފުރުސަތުތަކުގެ ބޭނުން ހިފި ގައުމުތަކެވެ. ނަމަވެސް އެފަދަ އިންވެސްޓްމަންޓްތައް ހަމައެކަނި ގުދުރަތީ ވަސީލަތްތައް ނެގުމަށް އަމާޒުކުރެވޭ ކަންކަމަށް ވެގެން ނުވާނެ ކަމަށާއި، އެ ވަސީލަތްތައް ބޭނުންކޮށްގެން އާ އުފެއްދުންތައް އުފައްދައި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ވާންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން، ހަމަ ފުރިހަމައަށް،" ނަޝީދު ވިދާޅުވިއެވެ.
ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ، އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ފޯރާފައި ނުވާ ކަމަށެވެ. އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ފަދަ މަގާމެއް ކަށަވަރުވެފައިވާ ކަމަށްވެސް ބުންޏެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ އެހީގައި ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 12 ބިލިއަން ޑޮލަރުގެ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއާ ދެކޮޅަށް އިދިކޮޅު އެމްޑީޕީގެ ތެރެއިން ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ނަޝީދު ގެންދަވަނީ މި މަޝްރޫއަށް ފާޅުގައި ތާއީދުކުރައްވަމުންނެވެ. މަޝްރޫއު އިއުލާންކުރުމާއެކު އެކަމަށް މަރުހަބާ ވިދާޅުވެ، ރަސްމާލޭގައި ވޯޓާފްރަންޓެއް ތަރައްގީކުރުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ނަޝީދު ކުރިންވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ބޭރުގެ އިންވެސްޓްމަންޓްތަކާ ދެކޮޅު ހެދުމަކީ އެމްޑީޕީއަށް ސިޔާސީގޮތުން ގެއްލުންވާނެ ކަމެއް ކަމަށާއި، އީގަލް ހިލްސް ފަދަ ބޮޑެތި އިންވެސްޓަރުންނާއި ޔޫއޭއީ ފަދަ ގައުމުތަކާ ދެކޮޅަށް ވާހަކަ ނުދެއްކުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ނަޝީދު އިލްތިމާސްކުރައްވާފައިވެއެވެ.






