ރިއަލް އެސްޓޭޓް ބިލާއި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު މާދަމާ މަޖިލީހުގައި ބަހުސްކުރަނީ

ރިއަލް އެސްޓޭޓް ބިލާއި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު މާދަމާ މަޖިލީހުގައި ބަހުސްކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި، ބޭރު މީހުންނަށް ދިގު މުއްދަތަކަށް ބިން މިލްކުކުރެވޭ ގޮތަށް އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ބިލާއި، މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފިއެވެ. މީގެ އިތުރުން އަބުރު ރައްކާތެރިކުރުމުގެ ބިލާއި، ދިވެހިރާއްޖޭގެ އިމިގްރޭޝަން ބިލުވެސް މާދަމާގެ އެޖެންޑާގައި ހިމެނެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ރިއަލް އެސްޓޭޓް ބިލުގައި ވާގޮތުގައި، ރަސްމާލެ ފަދަ ހާއްސަ ޒޯނުތަކުގައި ހަދާ އެޕާޓްމަންޓްތަކާއި ޕްރޮޕަޓީތައް ބޭރު މީހުންނަށް 99 އަހަރަށް ކުއްޔަށް ދޫކުރެވޭނެއެވެ. "ސަރެންޑާ އެންޑް ރީ-ގްރާންޓް" އުސޫލުން، މުއްދަތު ހަމަވުމުން ނުވަތަ އެހެން ފަރާތަކަށް ވިއްކާލުމުން، ކުރީގެ ލީސް ސަރުކާރަށް ދޫކޮށްލުމަށްފަހު އަލުން އައު 99 އަހަރުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު އޮންނާނެއެވެ. މީގެ ސަބަބުން ގާނޫނުއަސާސީން ކަނޑައަޅާފައިވާ 99 އަހަރުގެ މުއްދަތު ފަހަނައަޅައި، ދާއިމީ ގޮތެއްގައި ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. އީގަލް ހިލްސްއަށް ރަސްމާލެއިން ދޫކުރާ 500 ހެކްޓަރުގެ ބިމުން އެއް ގައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ 25 އިންސައްތަ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި އަބުރުގެ ބިލުގައި ވަނީ، ބަހަކުން، ފޮޓޯއަކުން، ކުރެހުމަކުން، ތަމްސީލަކުން ނުވަތަ އިޝާރާތަކުންވެސް އަބުރަށް އަރައިގަނެވިދާނެ ކަމަށެވެ. ނަމަވެސް އެފަދަ ދައުވާއެއް ކުރެވޭނީ ދެއްކި ވާހަކައަކީ ހަގީގަތެއް ނެތް ދޮގަކަށް ވާނަމައެވެ. އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމަށް ކަނޑައަޅައި، ސާބިތުވެއްޖެނަމަ 50,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ގެއްލުމުގެ ބަދަލު ނަގައިދެވޭނެއެވެ.

މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ބިލުގައި ވާގޮތުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނީ އެންމެ ވޭން ކުޑަވާނެ ގޮތެއް ބަލައިގެން ދަންޖައްސައިގެންނެވެ. އަދި މި އަދަބު ތަންފީޒުކުރެވޭނީ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވެ، ވާރިސުންގެ ރުހުން ލިބުމުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ކޮންމެ މައްސަލައަކަށް ވަކިން އެކުލަވާލާ ހަތް މެންބަރުންގެ ހާއްސަ ޕެނަލެއްގެ ބެލުމުގެ ދަށުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *