މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް އެކްސްޕޯގައި ގިނަ ބަޔަކުގެ މަގުބޫލުކަން ހޯދި ހަސަން އަތީގު (ބާބާ) އަށް ހާޓް އެޓޭކެއް ޖެހި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުވައްމުލަކަށް އުފަން އަތީގަށް ހާޓްއެޓޭކް ޖެހުނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ފުވައްމުލަކުގައެވެ. ފުރަތަމަ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެވުނު ނަމަވެސް، ޖެހިގެން އައި ދުވަހު އިތުރު ފަރުވާއަށް މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދޭން ފެށިއެވެ.
"ބާބަ ގާޑިޔާ" ގެ އަމިއްލަ ނަމުގައި އިއްޔެ ކުރި ފުރަތަމަ ޕޯސްޓުގައި އަތީގު ބުނީ، މާލެ ގެނައި ފަހުން ހިތުގެ ދެ އެންޖިއޯގްރާމް ހަދާފައިވާ ކަމަށެވެ. ހާޓްއެޓޭކް ޖެހުނު ފަހުން ކަރުގެ ދެފަރާތުގެ ނާރު ވަރަށް ބޮޑަށް ދުޅަވެ ރިއްސާތީ، އައިޖީއެމްއެޗަށް ދާ ކޮންމެ ފަހަރަކު އިމަޖެންސީ ރޫމްގައި އެޑްމިޓްކޮށް ފަރުވާދޭން ޖެހޭ ކަމަށްވެސް ބުންޏެވެ. އެކިއެކި ދާއިރާގެ ޑޮކްޓަރުންނަށް ދައްކައިގެންވެސް އަސްލު މައްސަލަ ކިޔައިނުދެވޭ ކަމަށާއި، ރޭގަނޑު ހަމަނިދި ނުލިބޭ ކަމަށް އޭނާ ބުނެފިއެވެ.
ބައްޔަށް ލުޔެއް ނުލިބޭތީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އާސަންދަ ހަމަޖެހިފައިވާ ނަމަވެސް، ބަލިވުމާ ގުޅިގެން ގާޑިޔަލުގެ ވިޔަފާރި ހުއްޓިފައިވާތީ މިވަގުތު އާމްދަނީ ލިބޭނެ އެހެން މަގެއް ނެތް ކަމަށް އަތީގު ބުންޏެވެ. އިންޑިއާގައި ހޭދަވާނެ ދުވަސްތައް ނޭނގޭތީ، ހުރުމާއި ކެއުމާއި ދަތުރުފަތުރަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށާއި، އެކަށީގެންވާ މާލީ ތަނަވަސްކަމެއް ނެތުމުން ދީލަތި އެހީތެރިކަމަށް އެދޭ ކަމަށް ބުނެ، "އެމީހަކަށް ދެވުނު އެއްޗެއް ދިނުމުން އަޅުގަނޑަށް ފުދޭނެ" ކަމަށް ބުންޏެވެ.
އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ހަސަން އަތީގުގެ ބީއެމްއެލް އެކައުންޓް 7703234441101 އަށާއި، އެމްއައިބީ އެކައުންޓް 90603100669081001 އަށް ފައިސާ ފޮނުވޭނެއެވެ.
ރިސޯޓުތަކުގެ ފުޑް އެންޑް ބެވަރޭޖުގައި ގިނަ އަހަރު މަސައްކަތްކުރުމަށްފަހު، 2020 ގައި ކޮވިޑާ ހެދި ރިސޯޓު ބަންދުވުމުން އަތީގު ދަމާ ގާޑިޔަލެއްގައި ކާއެއްޗެހި ވިއްކަން ފެށިއެވެ. 2021 ގައި ފުވައްމުލަކުގައި ޓްރަކެއްގައި ވިއްކަން ފެށި އޭނާ، ވަޒީފާއިން ވަކިވެ އަމިއްލަ ވިޔަފާރިއަށް އެއްކޮށް ހުސްވިއެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި އާންމުންގެ އެންމެ މަގުބޫލުކަން ލިބުނީ އަތީގުގެ ގާޑިޔަލަށެވެ. ޝަވަރުމާއަށް ޑިމާންޑު ބޮޑުވެ، ގަތުމަށް ކިއުގައި ދެތިން ގަޑިއިރުވެސް މަޑުކުރަންޖެހުނެވެ. އެއިން ލިބުނު ފައިދާގެ އެއްބައި އޭނާ ފަލަސްތީނުގެ ރައްޔިތުންނަށްވެސް ހަދިޔާކުރިއެވެ.





