ކުރިއަށް އޮތް ދެ މަހު މަޝްރޫއުތައް ނިންމަން 1.5 ބިލިޔަން ރުފިޔާ ހޭދަވާނެ

ކުރިއަށް އޮތް ދެ މަހު މަޝްރޫއުތައް ނިންމަން 1.5 ބިލިޔަން ރުފިޔާ ހޭދަވާނެ

އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫޢުތައް ނިންމަން ޚާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ވަގުތު ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މަޝްރޫޢުތައް ނިންމަން ކަމަށެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މަޝްރޫޢުތައް ނިންމުން އަވަސްކުރަން ސަމާލުކަން ދެއްވާފައިވާނެކަމަށް ވިދާޅުވިއެވެ.

" ކުރިއަށް އޮތް ދެ މަހަށް ބަލާއިރު ވެސް އެކަން އޮތީ އެހެން. މަޝްރޫޢުތަކަށް އޮކްޓޯބަރުގެ ނިޔަލަށް 5.3 ބިލިއަން ހޭދަވި. އަހަރު ނިމޭއިރު 6.8 ބިލިއަން އަށް އެ އަދަދު އަރާނެ. މި އަހަރު ނިމޭއިރު 1.5 ބިލިއަން އިތުރަށް އެބަ ހޭދަވޭ." މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.

ކެޕިޓަލް ޚަރަދުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ޢުމްރާނީ ތަރައްޤީއަށްކަމަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި، ދައުލަތުގެ ތަރައްޤީގެ މަޝްރޫއުތަކުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.

މި ހިނގާ 2026ވަނަ އަހަރަށް ބަލާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައެޅީ 8.3 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މިއަދަދު 6.5 ބިލިޔަން ރުފިޔާއަށް މިހާރު ވަނީ ރިވައިޒްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ، މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ %70 އަންނަ އަހަރު ނިންމުމެވެ.

ހޯމަ ދުވަހުގެ ކޮމިޓީގައި ވަޒީރު ވަނީ، ބަޖެޓާއި ގުޅުންހުރި އިތުރު ތަފްސީލުތައް މެމްބަރުންނާއި ޙިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި ހިންގުމުގެ ޚަރަދުތަކާއި، ބަޖެޓުގައި އިސްކަންދީފައިވާ ދާއިރާތަކުގެ އިތުރުން ދަރަނި ދެއްކުން ފަދަ ކަންކަމަށް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ޚަރަދު ކުޑަކުރުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތަފްސީލުތައް ވަޒީރު ވަނީ، ކޮމިޓީއާ ޙިއްސާކުރައްވާފައެވެ. އެގޮތުން ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކުގައި މަސައްކަތަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ބޭތިއްބުމާއި، ސަބްސިޑީގެ ނިޒާމް ހަރުދަނާ ކުރުމަކީ މުހިންމުކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *