ތުރުކީވިލާތުގައި ކުރިޔަށްދާ ކޮޕް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މާދަމާ އެޤައުމަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެެވެ.
ކޮޕް31 މިއަހަރު ކުރިޔަށްދަނީ، މިއަދުން ފެށިގެން މިމަހުގެ 20ގެ ނިޔަލަށް ތުރުކީގެ އަންތާލިޔާ އެކްސްޕޯ ސެންޓަރުގައެވެ. ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 11 އިން 12 އަށް އޮންނަ ވޯލްޑް ލީޑަރސް ސަމިޓުގައެވެ.
ރައީސް ވިދާޅުވީ، މި ސަމިޓަކީ ރާއްޖެއަށް ވަރަށް މުހިންމު ސަމިޓެއް ކަމަށާއި، ތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ވަރަށް އިސްދައުރެއް އަދާކުރާ ގައުމެއް ކަމަށެވެ.
"އަޅުގަނޑުމެންނަކީ ތިމާވެށި ހިމާޔަތް ކުރުމުގައި ވަރަށް ޒިންމާދާރުކަމާއެކު އިންޓަރނޭޝަނަލް ފްރަންޓުގައިވެސް އަދި ލޯކަލީވެސް މަސައްކަތް ކުރަމުންދާ ބައެއް. އެހެންވީމަ އަޅުގަނޑުމެން ބޭނުންވޭ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށް ދުނިޔޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވީހާވެސް ގިނަ މަސައްކަތްތައް ކުރާ ބަޔަކަށްވާން" ރައީސް ވިދާޅުވިއެވެ.
އަދި ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުކުރުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެގޮތުން 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތާއިި، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ދެއްވާ އިސްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގޮނޑުދޮށްތަކަށް ލިބޭ ގެއްލުންތަކުން އަރައިގަތުން ފަދަ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ކޮޕް ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަކީ ސިޑްސްގައި ހިމެނޭ ކުޑަ ގައުމެއް ނަމަވެސް ރާއްޖެއިން ތިމާވެށީގެ މައްސަލަތަކަށް ވަކާލާތު ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ވެފައިވާ އެއްބަސްވުންތައް ތަންފީޒުވަމުންދާ ވަރަކުން ރާއްޖެއަށް ފައިދާވަމުންދާނެ ކަމަށެވެ. އަދި އެކަމަށް ބާރުއަޅުއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކުގައި އެންމެ އިސްކަން ދެއްވަނީ ހާރިޖީ ސިޔާސަތާއި އެއްގޮތަށް ރާއްޖެއަށް ކަންކަން ފަހިވާގޮތަށް މޯލްޑިވްސް ފަސްޓް ޕޮލިސީ ތަންފީޒު ކުރުމަށް ކަމަށެވެ.
އެގޮތުން ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައިވެސް 20 ދާއިރާއަކުން އެއްބަސްވުންތައް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރު އެ ދަތުރުގެ ފަރާތުން ފަހިވި ގިނަ ކަންކަމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށެވެ.
އެގޮތުން ވައިގެ ދަތުރުފަތުރުތައް ފެށުމަށް ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް ވިދާޅުވިއެވެ. އަދި ސީ ރޫޓުންވެސް ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ އިގުތިސާދީ ގޮތުންވެސް ރާއްޖެއަށް ފައިދާކުރާނެ ކަމެއް ކަމަށެވެ.
މިފަދަ ސަރަހައްދީ ކޮންމެ ދަތުރެއްގައި ބައްލަވަނީ އެޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކަމަށާއި، އެގޮތުން ސާކް ހުއްޓިފައި އޮންނަތާ 10 ވަރަކަށް އަހަރު ވެފައިވާއިރު އެކަންވެސް އަލުން ފަށައިގަތުމަށް ރާއްޖެއިން މަޝްވަރާކުރައްވަމުން ގެންދަވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.






