މުސްތަޤުބަލުގެ ރައްކާތެރިކަމަށް ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފަހައްޓަންޖެހޭ

މުސްތަޤުބަލުގެ ރައްކާތެރިކަމަށް ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފަހައްޓަންޖެހޭ

މުސްތަޤުބަލު ރައްކާތެރިކުރުމަށް ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު އެންމެ މަތީ ދަަރަޖައިގައި ހިފަހައްޓަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވެއްޖެވެ. މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ ވޯލްޑް މީޑީއާ ސަމިޓު ފެށުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާގެ ބެއިޖިންގގައި ކުރިއަށްދާ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް އޮފީހުގެ މިނިސްޓަރ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވަނީ މިޒަމާނުގައި މީޑީއާ ދައިރާގައި އަންނަ ކުރިއެރުންތަކަށް އަލިއަޅުވާލައްވާފައެވެ. މިނިސްޓަރ ޚަލީލް ވަނީ ޗައިނާގެ ޝިންހުއާ އިން ދުނިޔޭގެ މީޑީއާތައް އެއްގަލަށް އެރުވުމަށް ކުރާ މަސައްކަތް ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޚަލީލް ވަނީ މިއަހަރުގެ ސަމިޓުގެ ޝީޢާރުކަމަށްވާ "ހިކުމަތްތެރި ޒަމާނުގައި މީޑިއާ: އިއްތިފާޤުވުމުން ޢަމަލީ މައިދާނަށް" މި ޝިޢާރަކީ މިދަނޑިވަޅާ ގުޅޭ ޝިޢާރެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އިތުބާރުހުރި ބައިނަލްއަޤުވާމީ މީޑިއާގެ ނިޒާމެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ގޮވާލުމެއްކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މީޑީއާ ވަސީލަތްތައް ތަރައްޤީވަމުން އައިސްފައިވަނީ އެކި މިންވަރަށްކަން ފާހަގަކޮށް މިނިސްޓަރ ޚަލީލް ވިދާޅުވީ، މަޑުޖެހުމެއްނެތި ބަދަލުވަމުންދާ މިދާއިރާގައި ކުރިއެރުންތައް ހޯދުމުގައި އެކަކު އަނެކަކަށް އެހީތެރިވެ ޤައުމުތަކަށް ޒަމާނީ މުވާސަލާތީ ވަސީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ މަގު ތަނަވަސްކޮށްދޭންޖެހޭ ކަމަށެވެ. މިކަން ހާސިލްކުރުމަށް މައުލޫމާތާއި ޢިލްމު ބަދަލުކުރެވޭނެ މަންސަތައް ޤާއިމްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މިހާރު މި ހަރަކާތްތެރިވަނީ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮމޭޓެޑް ނިޒާމުތަކުން ކުރިއަށްދާ ޒަމާނެއްގައިކަން މިނިސްޓަރ ޚަލީލް ފާހަކުރެއްވިއެވެ. ނަމަވެސް މި ކުރިއެރުންތަކާއެކު ސައްޚަ މައުލޫމާތު ވަކިކުރުމަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް ވިދާޅުވިއެވެ.

އާންމުން އުފައްދާ އެކި ބާވަތުގެ އުފެއްދުންތައް މިހާރު މަޤުބޫލުވެފައިވާއިރު، ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑާއި އުސޫލްތައް މި އުފެއްދުންތަކުގައި ހިފަހައްޓަމުން ނުދާކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، އޮޅުވާލައިގެން ފަތުރާ ވާހަކަތަކާއި ހަގީގަތް އޮޅޭ މަޢުލޫމާތުގެ ޝިކާރައަކަށް އާންމުން ވެދާކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

މި ޒަމާނުގައި، ނުބައި މަޢުލޫމާތާއި، އޮޅުވާލުމަށް ފަތުރާ މަޢުލޫމާތުގެ އިތުރުން ދޮގު ޚަބަރުގެ ނުރައްކާ ފުޅާދާއިރާއެއްގައި އޮތްކަން އަޅުގަނޑުމެން ސާފުކޮށް ގަބޫލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ހުރިކަން ޤަބޫލުކުރުމަށް ހައްލަކަށް ދިއުމަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލް ވިދާޅުވީ، މިފަދަ ނުރައްކާތަކާ ދެކޮޅަށް ތެދުވެ މުޖުތަމަޢުތަކަށް ލިބޭ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި މުޅި ދުނިޔެ އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި މުސްތަޤުބަލު ރައްކާތެރިކުރުމަށް މީޑިއާ ދާއިރާގެ އެންމެހާ ފަރާތްތަކުން ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑުތައް އެންމެ މަތީ ދަރަޖައަށް ހިފަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިމަގުން ތަމްރީނުތައްވެސް އިތުރުކުރުންޖެހޭ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލްގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ހަމައެކަނި މަޝްވަރާކުރުމުގައި ތިބޭނެ ވަގުތު މިހާރު ވަނީ ފަހަނައަޅައި ގޮސްކަން ފާހަގަކޮށްފައެވެ. ޢަމަލީ ފިޔަވަޅާ ނުލައި ހަމައެކަނި އެއްބަސްވުމަކުން ނިންމާލުމަކީ، އާންމުން އޮޅުވާލުންތަކަށް ހުށަހެޅިގެންދާނެ ކަމެއްކަން ފާހަގަކޮށް މިނިސްޓަރ ޚަލީލް ވަނީ ޓެކްނޮލޮޖީގެ ފަރަގުތައް ނައްތާލައި، އަޚުލާޤީ މިންގަނޑުތައް ވަރުގަދަކޮށް، މުރާލި އަދި ބާރުވެރި މުއައްސަސާތަކެއް ބިނާކުރުމަށް އަޒުމް ކަނޑައަޅަން ގޮވާލައްވާފައެވެ. އަދި ހަޤީޤަތުގެ މައްޗަށް ބިނާވެފައިވާ މީޑީއާ މާހައުލެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *