ހެކިނެތް ޖިނާއީ ތުހުމަތުތަކެއްކޮށް ސުލްރީމް ކޯޓުގެ ފަނޑީޔާރުންތަކެއް ވަކި ކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ފޮނުވައިފިއެވެ.
މި ގަރާރު ފޮނުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރުގެ ފުރަތަމަ ކިއުން ވަނީ އިއްވައިފައެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބަވަނިކޮށް، މަހާޒް އަލީ ޒާހިރާއި، އަޒްމިރާލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް، ޖުޑިޝަލްސާވިސް ކޮމިޝަނުން ބެލުމަށްފަހު، އެ ދެބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިގެން 14 މެއި 2025 ގައި އެ ދެބޭފުޅުން މަގާމުން ވަކިކުރިއެވެ.
ނަމަވެސް މިމަހުގެ 8 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފައިވަނީ އެ މައްސަލައިގައި އެބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދި އެ އޮފީހަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ފޮނުވި މައްސަލައިގައި ދައުވާއެއް ކުރެވޭވަރަށް ހެކި ނެތްކަމަށެވެ. އެހެންކަމުން އެ މައްސަލަ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އަންބުރާ ފޮނުލާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދުގެ މައްޗަށްވެސް މި ޕްރޮސެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް ފަނޑޔާރު ކަމުގެ މަގާމުން 2025 މާޗް ހަތަރެއްގައި ވަނީ އިސްތިއުފާ ދެއްވައިފައެވެ.
މިކަމާގުޅުވައި މި ގަރާރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ނުފޫޒު ނާޖާއިޒް ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުކޮށް އޭގެ ތެރެއިން ދެ ފަޑިޔާރަކު މަގާމުން ވަކިކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހެތްކާއި ގަރީނާތަކަށް ބެލިއިރު، ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ބެލެވެން ނެތުމުން ޖިނާއީ ދައުވާ ނުކުރުމަށް މިދިޔަ ސެޕްޓެމްބަރުމަހުގެ 30 ގައި ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން އެ ފަނޑިޔާރުން މަގާމުން ވަކި ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތު ތަކެއްގެ މައްޗަށް ބިނާކޮށް ކަން ހާމަވާކަމަށެވެ.
"ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ، މަސައްކަތްކުރާހާ ހިނދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަަމަށާއި، ފަޑިޔާރުކަމުުގެ މަގާމުގައި ހުރި މީހަކު މަގާމުން ވަކިކުރެވޭނީ އެމަގާމަށް އެ މީހަކު ގާބިލްނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖޭއެސްސީއަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސް ކުރުމުން ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބުނޭ،"
ނަމަވެސް އެބޭފުޅުންނަށް ދައުވާ ނުކުރުމަށް ޕީޖީއޮފީހުން ނިންމެވި ނިންމެވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްކަން ހާމަވެގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
"ހަމައެކަނި ކުރެވުނު ތުހުމަތެއްގެ މައްޗަށް ބިނާކޮށް، ޖޭއެެސްސީން ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކި ކޮށްފައިވަނީ، ޖިނާއީ ކުށެއް ހިންގާފައިވާކަމަށް ބެލެވެންނެތް ހާލަތުގައި ކަމަށް ވުމާއެކު އެކަމުގެ ޒިންމާ ޖޭއެސްސީން އުފުލައި ޖަވާބުދާރީވާން ޖެހޭކަމަށް ފެނޭ،"
އެހެންކަމުން ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަށް، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމަށްޓަކައި މިކަމުގައި މަޖިލިސް މެންބަރުން ދެކެވަޑައިގަންވާގޮތެއް ދެނެގަތުމަށް މި ގަރާރު ހުށަހެޅުއްވީ ކމަަށްވެސް ބުނެފައިވެއެވެ.





