އާއްމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ދޭތީ އެ ހިދުމަތް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، މުޅި ރާއްޖޭގައި ދެމެހެއްޓެނިވި ގޮތަކަށް ހެލްތު އިންޝުއަރެންސް ދޭނެ ގޮތްތަް ބަލަން ދިރާސާއެއް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން" ގޮވާލައި 7،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށް ފަހު އެ ޕެޓިޝަން ދިރާސާކުރަން ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ.
ޕެޓިޝަން ދިރާސާ ކުރުމަށް ބޭއްްވި ކޮމިޓީ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތަކަށް އެންމެނަށް ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދެވޭނެ ގޮތެއް ދިރާސާކުރަން ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ތާއީދު ކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދެވެ. އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.
އަޒާން ވިދާޅުވީ މެންބަރުންނަށް އިންޝުއަރެންސް ލިބެނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާއި ދައުލަތުގެ އެހެން ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. އޭގެ ތެރޭގައި ވަޒީރުންގެ މަޖިލީހާއި ކޯޓުތަކުގެ މުވައްޒަފުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާއްމު ރައްޔިތުންނަށް ލިބެނީ އާސަންދަ، ކަމަށާއި އާސަންދައިގެ ބޭރުުން ހަމަ ދައުލަތުން ހަރަދުކޮށްގެން، އެ ހުރިހާ މުއައްސަސާތަކަށް އިންޝުއަރެންސް ލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަޒާން ވިދާޅުވީ މެންބަރުންގެ ހެލްތު އިންޝުއަރެންސް އަކީ ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ވަކި ފްރޭމެއްގެ ތެރެއިން ދެމުން ގެންދާ އެއްޗެއް ކަމަސާއި، އެކަން އެގޮތަށް އޮންނަ އިރު ހަމަ އެކަނި މަޖިލިސް މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމަށް ވުރެ، ދެމެހެއްޓެނިވި ގޮތަކަށް ކަންކަންކުރުން މާ ރަނގަޅުވާނެ ކަމަށެވެ.
މެންބަރުންގެ ހެލްތުއިންޝުއަރެންސް ކަނޑާލަން ރައްޔިތުންތަކެއް ހުށަހަޅާނީ ކަންބޮޑުވުން އޮތުމުން ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެފަދަ ބަދަލެއް ގެންނަން ޖެހޭނީ ދައުލަތުން ހެލްތު އިންޝުއަރެންސްގެ ހިދުމަތް ލިބޭ އެންމެން ހިމެނޭ ގޮތަށް ކަމަށެވެ. އެހެން ކަމުން އޭނާ ހުށަހެޅުއްވީ ކަމާ ބެހޭ ހުރިހާ އިދާރާއެއްގެ މަޝްވަރާ ހޯދައި ސަރުކާރުގެ ވިސްނުން ވެސް ބަލައިގެން އެންމެ ހަރަދުކުޑަވާނެ ގޮތަކަށް ހެލްތު އިންޝުއަރެންސްގެ ކަންތައް ބަދަލުކުރުމަށެވެ.
އަޒާންގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން ޑރ. ޝަމްހީދު ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީން ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަަލަ ދިރާސާކުރާށެވެ.
މެންބަރުންނަށް ދޭ ފަދަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދޭން މި ޕެޓިޝަންގެ ބަހުސްގައި މަޖިލިސް ތަޅުމުގައި ބައެއް މެންބަރުން ގޮވާލެއްވިކަން ފާހަގަކުރައްވަައި އޭނާ ވިދާޅުވީ އޭރުން ހަރަދުކުޑަވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.






