ފައިސާ ހަމަޖެހި، 1200 އަށްވުރެ ގިނަ މަޝްރޫޢު ދަނީ ކުރިއަށް

ފައިސާ ހަމަޖެހި، 1200 އަށްވުރެ ގިނަ މަޝްރޫޢު ދަނީ ކުރިއަށް

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1200 އަށްވުރެ ގިނަ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާކަމަށާއި އެ މަޝްރޫޢުތަކަށް ފައިސާ ވަގުތުން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައި އޮތްކަމަށް މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އަހާ ފޯރަމްގައި ނ ވެލިދޫގެ ރައްޔިތަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައެވެ. އޭނާ ސުވާލު ކުރީ އެރަށުގައި ފަށާފައި ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރި ސަބަބު ހޯދުމަށެވެ. މިސުވާލަށް ޖަވާބުދެއްވަމުން މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށްދާގޮށް އެ މަޝްރޫޢުތަކާ ގުޅޭ ވަޒީރު ވަރަށް ގާތުން ބައްލަވުމުންދާކަމަށެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރިކަމަށެވެ. ނަމަވެސް އެ ދަތިތަކާ އެކުވެސް އިސްކަންދީފައިވާ މަޝްރޫޢުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް 1,273 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަމަށާއި މި މަޝްރޫއުތަކަށްވާ ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގައިވެސް ހުރިހާ ޕްރޮޖެކްޓެއްވެސް އަޅުގަނޑުމެން ޕްރިއޮޓައިޒް ކޮށްފައިވާ ގޮތަށް ފައިސާ ހަމަޖައްސައިގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރަމުންދަނީ ." މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވަރަކީ 2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނަން ވާއިރަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކާއި ކުނިކޮށިތަކާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމާ ހުޅުވުމެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތަކާއި ކުޑަކުދިންގެ ޕާކްތަކުގެ އިތުރުން އޭޓީއެމްތައް ނިންމާ ފުލުހުންގެ އަމިއްލަ މަރުކަޒުތަކާއި ލެބޯޓަރީތައް ހިމެނޭހެން ހުރިހާ ރަށެއްގައި ސިއްޙީ ޚިދުމަތް ވަރުގަދަކޮށް ސްކޫލް އިންފްރާސްޓްރަކްޗަރ އިންކުލޫސިވް އެޑިއުކޭޝަން ނިޒާމް ހިމެނޭހެން ވަރުގަދަކުރެވިފައި ހުރުމެވެ.

ދީނީ ދާއިރއިން ކުރިއަށްގެންދާ މަޝްރޫޢތަކާއި ކުޅިވަރުގެ ދާއިރާގެ މަޝްރޫޢުގެ މަސައްކަތްތަކުގެ އިތުރުން ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްގެންދާ މަސައްކަތްތައް ނިންމާލުމެވެ. މި ހުރިހާ މަޝްރޫޢުތަކާއެކު 2040 އާ ހަމައަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތުގެ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *