މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރަނީ ސަބްސިޑީގެ ތެރެއިން

މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރަނީ ސަބްސިޑީގެ ތެރެއިން

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ މާލީ ދަތިތަކުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި، ސަބްސިޑީގެ ނިޒާމުގެ ތެރެއިން އެ މާލީ ބުރަ ސަރުކާރުން އުފުލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ސަބްސިޑީއަށް ކުރި ހޭދައިގެ ބޮޑުބައެއް ހިއްސާކުރަނީ ފިއުލް ސަބްސިޑީ ކަމަށެވެ. މިއާއެކު، ބަޖެޓު ޑެފިސިޓް ފުޅާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ 'އަހާ' ފޯރަމުގެ 10ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، މިއަހަރުގެ މާރިޗުމަހުގެ ތެރޭގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިގެންދިޔަ ކަމަށެވެ.

"ތެލުގެ އަގަށް އައި ބަދަލާއި ލޮޖިސްޓިކްސްއާ އަދި ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކާއެކު އަޅުގަނޑުމެންނަށްވެސް އޭގެ އަސަރުތައް ވަރަށް ބޮޑަށް ކޮށްފައިވޭ. ހާއްސަކޮށް ދައުލަތުން ސަބްސިޑައިޒްކުރަންޖެހޭ މިންވަރު ތެލުގެ އަގު ހިފަހައްޓާ، ރައްޔިތުންނަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު،" މާލީ ވަޒީރު ވިދާޅުވިއެވެ.

މާލީ ވަޒީރުގެ ވާހަކައިގައި ރައްޔިތުންނަށް މިކަމުގެ އަސަރު ނުފޯރާނެ ގޮތަށް ސަބްސިޑީ ނިޒާމުގެ ތެރެއިން ޚަރަދުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. މިއާއެކު ސަބްސިޑީއަށް ކަނޑައަޅާފައިވާ 2.9 ބިލިޔަން ރުފިޔާގެ ބަޖެޓަށްވުރެ އިތުރަށް 1.4 ބިލިޔަން ރުފިޔާ ޚަރަދުކޮށް، އަހަރުގެ މިހާތަނަށް ސަބްސިޑީއަށް ކުރި ހޭދަ 4.3 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިފަދަ ދަތި ދަނޑިވަޅެއްގައިވެސް، ސަރުކާރުގެ އަމާޒަކީ، މިދިޔަ އަހަރެކޭވެސް އެއްފަދައިން ބަޖެޓު ސަޕްލިމެންޓް ނުކޮށް، ޖީޑީޕީގެ ނިސްބަތުން ސިންގަލް ޑިޖިޓުގައި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހިފެހެއްޓުން ކަމަށެވެ. މިގޮތުގެ މަތިން ރާއްޖޭގެ އިގުތިސާދީ އަދި ފިސްކަލް ހާލަތު އައު ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރޭޓިންގ އެޖެންސީތަކުންވެސް ބަލައިގަނެފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *