ފްލެޓްތަކެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެފްޑީސީއަށް ގުޅަން ފަށައިފި

ފްލެޓްތަކެއް ހުސްކުރަން އެންގުމާ އެކު، ކުލި ދައްކަން އެފްޑީސީއަށް ގުޅަން ފަށައިފި

އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ގަވާއިދުން ކުލި ނުދައްކާ ދެ ފްލެޓެއް ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެންގުމާ ގުޅިގެން، ކުލި ނުދައްކައިގެން މީގެކުރިން ނޯޓިސް ފޮނުވާފައިވާ ފަރާތްތަކުން ކުލި ދެއްކުމަށް އެ ކުންފުންޏަށް ގުޅަމުން އަންނަ ކަމަށް އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގެ ދެ ޔުނިޓެއް 15 ދުވަހުގެ ތެރޭގައި ހުސްކުރުމަށް މިދިޔަ ބުދަ ދުވަހު އެންގީ، އެ ތަންތަނަށް މީހުން ވަން ފަހުން އެއްވެސް ވަރަކަށް ކުލި ދައްކާފައި ނުވާތީ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެ ދެ ޔުނިޓުގެ ވެރިފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެފްޑީސީގެ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފަ އެވެ.

ހަމްދާން މިއަދު ވިދާޅުވީ، ކުލި ނުދައްކާ ހުރި ދެ ފްލެޓެއް ހުސްކުރުމުގެ ފިޔަވަޅު އެޅުމާ އެކު، އެކި ސަބަބުތަކާ ހުރެ ކުލި ނުދެއްކިގެން މީގެކުރިން ނޯޓިސް ފޮނުވާފައިވާ ވަރަށް ގިނަ ފަރާތްތަކުން މިހާރު ކުންފުންޏާ މުއާމަލާތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ އެއް މަސް ނުވަތަ ދެ މަހުގެ ކުލި ނުދެއްކި ތިބި މީހުން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ކުލި ނުދައްކައިގެން ނޯޓިސް ފޮނުވާފައި ތިބި ގިނަ ފަރާތްތަކުން ކުލި ދައްކަން އަޅުގަނޑުމެންނަށް އެބަ ކޮންޓެކްޓް ކުރޭ. އޭގެ އިތުރުން އެއް ފަހަރާ ފައިސާ ދައްކަން ދަތިވާ ނަމަ އެ ވެސް ބަހާލައިގެން ދެއްކޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން،" ހަމްދާން ވިދާޅުވި އެވެ.

ބަހާލައިގެން ފައިސާ ދެއްކުމުގެ ލުއިތަކެއް

މެނޭޖިން ޑިރެކްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ފަރާތްތަކުގެ ނުދެއްކި ހުރި ކުލީގެ އަދަދު ބޮޑުވުމުގެ ސަބަބުން އެއްފަހަރާ ފައިސާ ދެއްކުމަށް ދަތިތަކެއް ހުރެދާނެ އެވެ. އެހެންކަމުން، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްބަސްވުމެއްގެ ދަށުން ބަހާލައިގެން އެ ފައިސާ ދެއްކޭނެ އިންތިޒާމުތައް އެފްޑީސީން ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި ފްލެޓް ހުސްކުރަން އެންގި ދެ ޔުނިޓުގެ ވެރިފަރާތްތަކަށް ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން ފުރުސަތު ދެވުނެވެ. ނަމަވެސް އެކަށީގެންވާ މުއްދަތު ދީ، އެ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެއްވެސް މިންވަރަކަށް ފައިސާ ދައްކާފައި ނުވާތީ، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން އެއްބަސްވުން ބާތިލުކުރަން މަޖުބޫރުވީ އެވެ.

500 އަށް ވުރެ ގިނަ ފްލެޓުން ކުލި ނުދައްކާ މައްސަލަ

ސަރުކާރުގެ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ތެރެއިން، މީހުން ދިރިއުޅެން ފަށާފައިވާ ބައެއް ފްލެޓްތަކުން ގަވާއިދުން ކުލި ނުދައްކާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން އެންމެ ފަހުން އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ގަވާއިދުން ކުލި ނުދައްކާ 564 ފްލެޓެއް އެބަހުއްޓެވެ.

މި ފްލެޓްތަކުން ގަވާއިދުން ކުލި ނުދައްކާ ބައެއް ފަރާތްތަކުން އެކަން އެގޮތަށް ކުރަނީ، އެ ސަރަހައްދުގައި ހުންނަ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކާ މީހުން ގިނަ އަދަދަކަށް ތިބިއިރު ވެސް، އެ ތަންތަން އަތުލުން ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ކަމަށް އަޑުފެތުރިފައިވެ އެވެ. ނަމަވެސް އެފްޑީސީން ފާހަގަކުރާ ގޮތުގައި، އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުންތައް އެކުލަވާލާފައި ވަނީ ގަވާއިދުން ފައިސާ ނުދައްކާ ނަމަ އެއްބަސްވުން ބާތިލުކޮށް، ތަން އަތުލުމުގެ ފުރިހަމަ ގާނޫނީ ބާރު ކުންފުންޏަށް ލިބިދޭ ގޮތަށެވެ.

އެހެންކަމުން، ކުލި ނުދެއްކި ހުރި ހުރިހާ ފަރާތްތަކުން ވެސް ކުންފުންޏާ ވާހަކަދައްކައިގެން ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށާއި، ފްލެޓް އަތުލުމާ ހަމައަށް ކަންކަން ދިޔަ ނުދިނުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *