ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެ ކަމެއް އަދުގެ ސަރުކާރުން ނުކުރައްވާނެ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ އިސްލާމީ ވަހުދަތަށް އޮތް ނުރައްކަލެއް ކަމަށާއި ރަސްމާލޭގެ ބާރު ބޭރުގެ ބަޔަކަށް ދީފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދުދެއްވާ ކުރެއްވި ޕޯސްޓެއްގައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަޙައްދުގެ ކޮންމެ އިންޗިއަކަށް ދިވެހި ދައުލަތުގެ ސިޔާދަތީބާރު ހިނގާނެ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ޤާނޫނީ ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. އެ ނޫންގޮތަކަށް އަދުގެ ސަރުކާރުން އެއްވެސް ނިންމުމެއް ނުނިންމަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެ ދިފާއުކުރުމަށް ފުރާނަ ދޫކޮށްލުމަށް ހުވާކޮށްގެން ހުންނެވިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކިރިޔާވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސްކަމެއް މިސަރުކާރުން ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށެވެ.
ރަސްމާލޭގެ އެއްބަޔަކީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވައި ވަޒީރު ވަނީ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެހުރިހާ ރަށެއްގައިވެސް ސެކިއުރިޓީ ބަލަހައްޓަމުންދަނީ އެބަޔަކު އަމިއްލަޔަށް ކަމަށާއި ރަސްމާލެވެސް އެ ރަށްތަކާ ތަފާތުު ނޫންކަމަށެވެ.
ވަޒީރު ވިދާޅުވީ އެ ރަށްރަށުގެ ސެކިޔުރިޓީ އެ ރަށް ދޫކޮށްފައިވާ ފަރާތުން ބެލި ނަމަވެސް ދިވެހި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރައްވަމުންދާކަމަށެވެ. އަދި ރަސްމާލޭގައިވެސް އެ ވާޖިބު އަދާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މަޝްރޫއުގެ ބާވަތުން އެމަސައްކަތެއް ކުރަން ޖެހެނީ ރަށުގައި ޤާއިމުވެތިބެގެންކަމަށްވާނަމަ އެކަން ކުރާނީ އެގޮތަށް ކަމަށާއި އެކަމަކަށް އެއްވެސް ހުރަހެއް ނޯންނާނެ ވަޒީރު ވިދާޅުވިއެވެ. ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ރައްޔިތުންގެ ތެރޭގައި ފިތުނަފަސާދަ އުފެދޭނެހެން ދޮގުވާހަކަ ފަތުރަމުން ދާއިރު ޤައުމީ ސަލާމަތާއި ގުޅޭކަންކަމުގައި ދޮގު ވާހަކަ ނުފެތުރުމަށް ވަޒީރު ވަނީ ގޮވާލައްވާފައެވެ.






