ރ. ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ދައުލަތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މައްޗަށް އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ހުކުމް އިއްވުން މި މަހުގެ 29ވަނަ ދުވަހަށް ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ފުއްގިރި މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.
މި މައްސަލައިގައި ހިމެނޭ ދެފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުންތަކުގެ ތެރެއިން، ދައުލަތުގެ ފަރާތުން އިއްޔެ ބަޔާން އިއްވާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއީ ވަކީލުންގެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމެވެ.
ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވައި ނިމުމުން، ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވި ގޮތުގައި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އޮންނަނީ މި މަހުގެ 29 ވަނަ ދުވަހުގެ 11:00ގަ އެވެ.
މި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލި ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ޔާމީންގެ މައްޗަށެވެ.
މި މައްސަލައިގައި ހިމެނޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. އަދި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން، ރަށް ކުއްޔަށް ނެގި ކްލެސިކް ހޯލްޑިންގްސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ރަށުގެ ހިއްސާ އެހެން ކުންފުންޏަކަށް ބަދަލުކުރިއިރު ވެސް ރަށް އަތުލުމުގެ އެއްވެސް މަރުހަލާއެއް ކުރިއަކަށް ނުދެ އެވެ.





