މާލެ ސިޓީގައި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ، އެކަމަކަށް ހައްލެއް ނުހޯދި ލަސްވަމުންދާތީ، އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު އެކްސްގައި ވިދާޅުވީ، ނުރައްކާތެރި އެކްސިޑެންޓްތައް ކެނޑިނޭޅި ހިނގައި، ޢާންމު އެތައް ރައްޔިތެއްގެ ފުރާނަނުރައްކަލަށް ހުށަހެޅި، ކަންބޮޑުވާންޖެހޭ މިންވަރަށް މަގުތަކުގެ އަމާންކަން ގެއްލިފައިވާ ކަމަށެވެ.
ޝާހިދު ވަނީ މި ކަންކަމަކަށް ހައްލު ހޯދުމުގެ އެއްވެސް ވިސްނުމެއް، ނުވަތަ އެއްވެސް ސިޔާސަތެއް ސަރުކާރުގައި އެބައޮތްތޯ ސުވާލު އުފައްދަވާފައެވެ. އަދި އެފަދަ ސިޔާސަތެއް އޮތްނަމަ، އެކަން ތަންފީޒު ކުރަން ނަގާނީ ކިހާ މުއްދަތެއްތޯވެސް ޝާހިދު ސުވާލު އުފެއްދަވާފައިވެއެވެ.
"ސަރުކާރަކީ ހަމައެކަނި ޚަބަރު ސިޓީއަކަށްނުވެ، ސިޔާސަތުން ކަންކަމުގެ ހައްލު ހޯދާ ބައަކަށް ވާންޖެހޭ. ކޮންމެ ދުވަހެއްގެ ފަލަ ސުރުޚީއަކީ އެކްސިޑެންޓަކަށް ވުމީ ވަރިހަމަ ކޮށްގެން ތިބެވޭ ވަރަށްވުރެ ސީރިއަސް ކަމެއް." ޝާހިދު ވިދާޅުވިއެވެ.
ޝާހިދު މިފަދައިން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މާލޭ ސިޓީގައި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަނީ ވަރަށް ގިނަވެފައެވެ. އަދި އެކްސިޑެންޓްތަކުގައި ބޮޑެތި އަނިޔާލިބޭ މީހުން ގިނަވެފައިވާއިރު، އެކްސިޑެންޓްގައި މީހުން މަރުވުންވެސް ވަނީ އިތުރުވެފައެވެ.





