ސިޑިން ވައްޓާލައި، މީހެއްގެ ފޯނާއި ފަށް ދަމައިގަތް މީހަކު ޖަލަށް

ސިޑިން ވައްޓާލައި، މީހެއްގެ ފޯނާއި ފަށް ދަމައިގަތް މީހަކު ޖަލަށް

ސިޑިއަކުން ވައްޓާލައިގެން އަންހެނެއްގެ މޯބައިލް ފޯނާއި، އޭނާގެ ކަރުގައި އަޅާފައި އޮތް ފައް ދަމައިގަތް މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ، މ. ނާލާފުޅި ބަނަފްސާގެ މޫސާ ނާފިއުގެ މައްޗަށެވެ.

މި މައްސަލައަކީ ފަރީދީ މަގުގައި ހުންނަ ވީރު ޖިމް ހިންގާ އިމާރާތުގައި، ގއ. މާމެންދޫ ރޯޒަރީގެ އިފާގާ އަލީ ހުއްޓައި، އޭނާ މޯބައިލްފޯނު އަތުލައި އޭނާގެ ކަރުގައި އަޅާފައި އޮތް ރިހި ފަށް ކަނޑާލާފައިވާތީ އާއި އެކަންކަން ކުރުމުގެ ތެރޭގައި އިފާގާ ސިޑިން ވައްޓާލުމުގެ ސަބަބުން އަނިޔާ ވެފައިވާތީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ތަކެެއްގެ މައްސަލައެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރިއެވެ. އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކަށް ކޯޓުގައި އޭނާ ވަނީ އިއުތިރާފްވެސް ވެފައެވެ.

އެހެންކަމުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަަލަށްލާން އޭނާގެ މައްޗަށް ހުކުމްކުރިއެވެ. އަދި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި 27 ދުވަހުގެ މުއްދަތަށް، މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށްވެސް ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *