ކުދިން ފާސްވާ ނިސްބަތް ދަށްވެގެން ވަކިކުރި ޓީޗަރަށް 80،000 ގެ ބަދަލެއް

ކުދިން ފާސްވާ ނިސްބަތް ދަށްވެގެން ވަކިކުރި ޓީޗަރަށް 80،000 ގެ ބަދަލެއް

ކުދިން ފާސްވާ ނިސްބަތް ދަށްވެގެން  ދ. އަތޮޅު ސްކޫލްގެ ބީޓެކް ހޮސްޕިޓަލިޓީ ޓީޗަރުގެ މަގާމުން ވަކިކުރި އިންޑިއާގެ ރަޔަސް ޖޮޝީ އަށް 82،592 ރުފިޔާގެ ބަދަލެއް ދޭން  ވަޒީފާއާބެހޭ ޓްރައިބިއުނަލުން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްފިއެވެ.

ވަޒީފާއިން ވަކިކުރުމުން ރަޔަސް ޖޮޝީގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވަޒީފާ އަދާކުރަމުން ދަނިކޮށް އޭނާ ވަކީ ކުރީ އެކަށީގެންޥާ ސަބަބެއް ނެތި ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ އެ ފިޔަވަޅު އެޅީ ވަޒީފާ އެއްބަސްވުމާ އޭނާ ހިލާފުވުމުން ކަމަށެވެ.

އެގޮތުން ދަރިވަރުން ފާސްވި ނިސްބަތް 75 ޕަސެންޓްގައި ހިފެހެއްޓިފައި ނުވާ ކަމާއި އެއީ ނޯޓިސްއަކާ ނުލާ ވަޒީފާއިން ވަކިކުރެވޭނެ ހާލަތެއް ކަމަށް ކޮމިޝަނުން ބުުނެފައިވެއެވެ.

ނަމަވެސް، ޓީޗަރު ބުނެފައިވަނީ އޭނާ ކިޔަވައިދިނުން ރަނގަޅު ކުރަން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމަށެވެ. އަދި ފާސް ޕަސެންޓުގެ ތަފްސީލުގައި ހިމަނާފައިވަނީ އެ ޓާމުގައި ނެގި އެއް ޔުނިޓް އިމްތިހާނާއި އެ ޓާމުގެ ފަހު އިމްތިހާނު ކަމަށް ވެސް ބުނެފައިވެއެވެ. އެއީ ޓީޗަރަކު ދަރިވަރުންނަށް ކިޔަވައިދިން ވަރު ދެނެގަތުމަށް އެކަށޭނެ މިންގަނޑެއް ނޫން ކަމަށް ވެސް ޓީޗަރު ބުނެފައިވެ އެވެ.

ޖަވާބުގައި ސިވިލް ސާވިސް ކޮމިޝަނުން ބުނެފައި ވަނީ ޔުނިޓް ޓެސްޓާއި ޓާމް އިމްތިހާނުގެ ނަތީޖާ ދަށް ކަމަށާއި ޓީޗަރު ކިޔަވައިދިނުމުގައި ޕާފޯމަންސް ދަށް ކަމަށެވެ. އެހެންވެ، ޕާފޯމަންސް ރަނގަޅު ކުރަން ލީޑިން ޓީޗަރާއި ޕްރިންސިޕަލް ނަސޭހަތްތެރިވެ، އިރުޝާދު ދިން ކަމަށާއި ނަމަވެސް ޕާފޯމަންސް ރަނގަޅު ނުވި ކަމަށް ކޮމިޝަނުން ބުންޏެވެ.

މި މައްސަލަ ބެލުމަށް ފަހު ޓްރައބިއުނަލުން ނިންނި ނިންމުމުގައި ބުނެފައި ަވނީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ފަދަ ގައިރު ސުލޫކީ އަމަލެއް ކޮށްގެން ކަމަށް ބުރަ ނުވެވޭ ކަމަށާއި އެ ފިޔަވަޅު އަޅާފައި ވަނީ މުވައްޒަފަކު ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމަށެވެ. އަދި، ޓީޗަރު ވަޒީފާއިން ވަކިކުރަން ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ ފުރުސަތުދީ، އެ ފުރުސަތާ އެކު އެ ފަރާތް ބޭނުންވާ ފަރާތެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދީފައިނުވާ ކަމަށްވސް ބުނެފައިވެއެވެ.

ޓީޗަރުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އިދާރީ ތަހުގީގެއް ހިނގާފައި ނުވާ ކަން ވެސް ނިންމުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޓީޗަރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމް ކޮށްފައި ނުވާ ކަމަށް ކަނޑައަޅައި، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމީ ޓީޗަރު ވަޒީފާއިން ވަކިކޮށްފައިވާ ތާރީހުން ފެށިގެން މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށްވާ މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށެވެ. އެއީ 82،592 ރުފިޔާ އެވެ. އެ ފައިސާ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ދައްކާ ހަލާސްކުރަން ސިވިލްސާވިސް ކޮމިޝަނުގެ މައްޗަށް ޓްރައިބިއުނަލުން ވަނީ އަންގައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *