އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ފަތުރުވެރިންގެ ތެރެއިން %72 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައި ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުގައި 1.1 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރިސޯޓުތައް އިޚްތިޔާރުކޮށްފައެވެ.
ރަސްމީ ހިސާބުތަކަށް ބަލާއިރު، ރިސޯޓުތަކުގައި 1,112,766 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ބަޔަކު މަޑުކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ %22.1 ކަމަށްވާ 334,016 ފަތުރުވެރިންނެވެ. މީގެއިތުރުން، ހޮޓާތަކުގައި 34,845 ފަތުރުވެރިން އަދި ސަފާރީ އުޅަނދުފަހަރުގައި 28,596 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އެންމެ ކުރީގައި އުޅޭ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ:
• ޗައިނާ: 284,555 ފަތުރުވެރިން
• ރަޝިއާ: 222,055 ފަތުރުވެރިން
• އިނގިރޭސިވިލާތް: 116,658 ފަތުރުވެރިން
• އިޓަލީވިލާތް: 96,010 ފަތުރުވެރިން
• ޖަރުމަނުވިލާތް: 94,494 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންނަށް މެހެމާންދާރީ އަދާކުރުމަށްޓަކައި މިވަގުތު 1,277 ތަނެއް އޮޕަރޭޓް ކުރަމުންދާއިރު، އެ ތަންތަނުގެ ޖުމުލަ އެނދުގެ އަދަދަކީ 67,828 އެވެ.
ރިސޯޓު މާކެޓުގެ އިތުރުން ރަށްރަށުގެ ލޯކަލް ޓޫރިޒަމަށް ވެސް ފަތުރުވެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން ރަށްރަށުގެ ގެސްޓްހައުސްތައް ޚިޔާރުކުރުމަކީ ރަށްރަށުގެ އިޤްތިޞާދީ ހަރަކާތްތަކަށާއި އާންމު ރައްޔިތުންގެ ޖީބުތަކަށް އޭގެ ފައިދާ ސީދާގޮތުން ލިބިގެންދާ ކަމެކެވެ.






