ޑޮލަރު ވިއްކާ ބިދޭސީންގެ ތެރޭގައި ޑޮލަރު ސްމަގްލްކުރާ މީހުންވެސް ތިބި: އިހުސާން

ޑޮލަރު ވިއްކާ ބިދޭސީންގެ ތެރޭގައި ޑޮލަރު ސްމަގްލްކުރާ މީހުންވެސް ތިބި: އިހުސާން

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރި ވަމުންދާ ކަމަށާއި، އޭގެތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުންވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ޑޮލަރުން އާމްދަނީ ލިބޭ މީހުންނަށް އެ ފައިސާ މާރު ކުރެވޭނީ ބޭންކު ނުވަތަ ހުއްދަ ލިބިފައި އޮތް ތަނެއް މެދުވެރިކޮށް ކަމަށެވެ. އެކަމަކު ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކުގެ ތެރޭގައި، ޑޮލަރުން އާމްދަނީ ލިބޭ މީހުން ހުއްދަނެތި ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކަމުންދާ މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށާއި، އެއީ ޖިނާއީ ކުށެއް ކަމަށާއި، އެއިން ލިބޭ ފައިސާ ބޭނުންކުރުމަކީ މަނީ ލޯންޑްރިން ކަމަށް ބެލެވޭނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މިކަމުގައި ބިދޭސީން އުޅޭ ވަރު ވަރަށް ބޮޑުކަން ހޮޓްލައިނަށް ލިބޭ މައުލޫމާތުން އެނގެއެވެ. ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ 12 މީހަކާ މެދު ތަހުގީގު ހިންގަމުން އަންނައިރު، އޭގެ ތެރެއިން ނުވަ މީހަކު ތިބީ މިވަގުތުވެސް ހައްޔަރުގައެވެ.

ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރަށް، "ގޭގައި ކައްކާ މީހާ" ފަދަ ބަހަނާ ދައްކައި ދިވެހިން ދިފާއުކުރަން އަންނަ ކަމަށާއި، ބިދޭސީން ގެނެސް ބަލަހައްޓާ ފަރާތްތަކުން، އެ މީހުން ކުރާ ކަންކަމަށް ޒިންމާވާން ޖެހޭ ކަމަށް އިހުސާން ވިދާޅުވިއެވެ. ބިދޭސީންނަށް އިހުމާލުވާ ދިވެހިންނަށްވެސް ފިޔަވަޅު އަޅާނެ ކަމަށާއި، އިހުމާލުވާ ފަރާތްތައް 50,000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ކަންމަތީ ފިހާރަތައް ހަދައިގެން ހުއްދަނެތި ޑޮލަރު މާރުކުރުމާއި، އެ ޑޮލަރުތައް ސްމަގްލްކޮށް ބޭރަށް ގެންދާ މައްސަލަތައްވެސް ފާހަގަވެފައިވާ ކަމަށާއި، ފުޅާ ދާއިރާއެއްގައި އެކަމުގެ ތެރޭގައި އުޅޭ މީހުން ހޯދައި، ދިވެހިން މިފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އިހުސާން ވަނީ ނަސޭހަތްތެރި ވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *